ސްޓޭޓް ފާމާއާއި އެމްއެންޔޫ ގުޅިގެން ދިވެހި ފާމަސިސްޓުން ތަމްރީނުކުރަނީ
ސްޓޭޓް ފާމާއާއި އެމްއެންޔޫ ގުޅިގެން ދިވެހި ފާމަސިސްޓުން ތަމްރީނުކުރަނީ

ފާމަސީ ދާއިރާއިން ދިވެހިން ތަމްރީނުކުރުން އިތުރުކުރުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްއާއެކު ސްޓޭޓް ފާމާއިން މަޝްވަރާކޮށްފިއެވެ.

ސްޓޭޓް ފާމާއާއި އެމްއެންޔޫ ގުޅިގެން ދިވެހި ފާމަސިސްޓުން ތަމްރީނުކުރަނީ
ސްޓޭޓް ފާމާއާއި އެމްއެންޔޫ ގުޅިގެން ދިވެހި ފާމަސިސްޓުން ތަމްރީނުކުރަނީ

ސްޓޭޓް ފާމާއިން ބުނި ގޮތުގައި މި މަޝްވަރާތައް ފެށީ ރާއްޖޭގައި ފާމަސިސްޓުންގެ ގޮތުގައި މަސައްކަތްކުރާ ދިވެހިން މަދުވުމާ ގުޅިގެންނެވެ.

ދައުލަތުގެ ބޭސްފިހާރަތައް ހިންގުމަށާއި ބޭހުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އަލަށް އުފެއްދި ސްޓޭޓް ފާމާއިން ބުނި ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެ ކުންފުނީގެ ބޭސްފިހާރަތަކަށް ބޭނުންވާ ފާމަސިސްޓުން ހޯދުމަށް ގިނަ އިއުލާނުތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން، ފާއިތުވި މަހު އެކަނިވެސް 30 އަށް ވުރެ ގިނަ ފާމަސިސްޓުން ހޯދަން އިއުލާނުކޮށްފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.

ނަމަވެސް، މި ދާއިރާއިން ތަމްރީނު ލިބިފައިވާ ދިވެހިން ވަރަށް މަދުކަން ވަނީ ފާހަގަވެފައެވެ. ރާއްޖޭގެ ފާމަސީތަކުގައި މިހާރުވެސް އެންމެ ގިނައިން މަސައްކަތްކުރަނީ ބިދޭސީންނެވެ. ފާމަސިސްޓުންނަކީ ރާއްޖޭގައި މީހުން އެންމެ މަދު ދާއިރާތަކުގެ ލިސްޓުގައި ހިމެނޭ ބައެކެވެ.

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެސްޓީއޯގެ ދަށުން ހިންގަމުން އައި 193 ފާމަސީއެއް ސްޓޭޓް ފާމާގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ. މިއާއެކު، މުޅި ރާއްޖެއަށް ބޭނުންވާ ވަރަށް ދިވެހި ފާމަސިސްޓުން ހޯދުމަކީ އެ ކުންފުންޏަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ އިސްވެރިންނާ ބައްދަލުކޮށް، ފާމަސީ ދާއިރާއިން ކިޔަވާ ކުދިން އިތުރުކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން، އެމްއެންޔޫއިން ދަސްވެނިވެގެން ވަޒީފާގެ މާހައުލަށް ނުކުންނަ ފަރާތްތަކަށް ސްޓޭޓް ފާމާއިން ފުރުސަތު ހުޅުވާލުމަށް ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުންވެސް ވާހަކަދައްކާފައިވެއެވެ.

އެމްއެންޔޫއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފާމަސީ ކޯސްތައް ހިންގާ އެއް މުއައްސަސާއެވެ. އެ ޔުނިވަސިޓީން ދާދި ފަހުން ވަނީ ބޭހުގެ ފެންވަރު ބެލޭނެ ޒަމާނީ ފާމަސީ ލެބޯޓަރީއެއްވެސް ގާއިމުކޮށްފައެވެ. މި ލެބޯޓަރީގެ ސަބަބުން ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްއެންޔޫއިން ވަނީ ފާހަގަކޮށްފައެވެ.

އަލަށް ގުޅޭ މުވައްޒަފުންގެ އިތުރުން، މިހާރު ފާމަސީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ހާއްސަކޮށްގެން ރިފްރެޝަ ކޯސްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށްވެސް ސްޓޭޓް ފާމާއިން ބުންޏެވެ. މީގެ ބޭނުމަކީ މުވައްޒަފުންގެ ހުނަރު އިތުރުކޮށް، ބޭސް ދޫކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކަށް އަހުލުވެރިކުރުވައި، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ. ދިވެހި ޒުވާނުންނަށް އެ ކުންފުނީގެ ވަޒީފާގެ ދޮރުތައް އަބަދުވެސް ހުޅުވިފައި ހުންނާނެ ކަމަށް ސްޓޭޓް ފާމާއިން ބުންޏެވެ.