25 Sep 2012, 16:35
ތެހެރާން (ސެޕްޓެމްބަރ 25): އީރާނުން ކުރުރާސްތާގެ އައު މަރުކާއެއްގެ މިސައިލްތަކެއް ތަޖްރިބާކޮށްފި އެވެ. މިކަން ހާމަކުރަމުން އީރާނުގެ އިންޤިލާބީ ލަޝްކަރުތަކުން ނެރުނު ބަޔާނެއް ބުނީ ތަޖްރިބާކުރީ (ތާއިރު ދޭއް) މަރުކާގެ މިސައިލް ކަމަށާއި މިއީ މަތިންދާބޯޓާއި ހެލިކޮޕްޓަރާ އަދި މިސައިލް ވެއްޓުމަށް ބޭނުންކުރާ ވައިގެ ދިފާޢީ ނިޒާމެއް ކަމަށްވާ "ރަޢްދު" ނިޒާމްގެ ބައެއް ކަމުގަ އެވެ.
މިމިސައިލް ހިމެނޭ ގޮތަށް އީރާނުން އުފައްދާފައިވާ "ރަޢްދު"ވައިގެ ދިފާޢީ ނިޒާމުގެ ރާޑަރުތަކާއި މިސައިލް ބެޓްރީތައް ތެހެރާންގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ޢަސްކަރީ ޕެރޭޑެއްގައި ވަނީ ދައްކާލާފަ އެވެ. އީރާނުގެ އިންޤިލާބީ ލަޝްކަރުތަކުން ނެރުނު ބަޔާން ބުނާ ގޮތުން "ރަޢްދު"ވައިގެ ދިފާޢީ ނިޒާމުގައި ބޭނުންކުރާ (ތާއިރު ދޭއް) މަރުކާގެ މިސައިލަކީ 50 ކިލޯ މީޓަރު ދުރުން މަތިންދާބޯޓާއި ހެލިކޮޕްޓަރާއި މިސައިލް ވައްޓާލުމުގެ ޤާބިލްކަން ލިބިގެންވާ މިސައިލެއް ކަމުގަ އެވެ.
އަނެއްކޮޅުން އީރާނުގެ ކަނޑުގެ ސިފައިން، ގަލްފުގެ ކަނޑުގައި ކުރިޔަށްގެންދާ އަސްކަރީ ފަރިތަކުރުންތަކެއްގައި ޑަމީ މަނަވަރެއް ވަނީ ފައްތާލާފަ އެވެ. މި މަނަވަރު ފައްތާލީ ކަނޑުގެ މަނަވަރުތައް ފައްތާލުމަށް ބޭނުންކުރާ ހަތަރު ރޮކެޓް ބޭނުންކޮށްގެން ކަމަށާއި ޙަމަލާދިންތާ ކުޑައިރުކޮޅެއްގެ ތެރޭގައި މިޑަމީ މަނަވަރު ކަނޑަށް ފެތިގެން ދިޔަ ކަމަށް އީރާނުގެ ކަނޑުގެ ބާރުތަކުގެ ވެރިޔާ އެޑްމިރަލް ޢަލީ ފަދްވީ ވިދާޅުވި އެވެ. އިސްރާއީލުން ނޫނީ އެމެރިކާ އިން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ޙަމަލާ ދީފި ނަމަ ގަލްފުން ތެޔޮބޭރުކުރާ ހުރްމުޒް ކަނޑުއޮޅި ބަންދުކުރާނެ ކަމަށް އީރާނުން ބުނެ އެވެ. މިއިންޒާރާއެކު ހުރްމުޒް ކަނޑުއޮޅީގައި އީރާނުގެ ކަނޑުގެ ސިފައިން ޢަސްކަރީ ތަމްރީންތައް ވަރަށް ގިނައިން ހަދަމުން ގެންދެ އެވެ.
އީރާނުގެ އިންޤިލާބީ ލަޝްކަރުތަކުގެ އިސް ކޮމާންޑަރު ޖެނެރަލް މުޙައްމަދު ޢަލީ ޖަޢްފަރީ ދާދިފަހުން ވަނީ އިސްރާއީލުން އީރާނަށް ޙަމަލާދޭނެ ކަމަށް ބަލައިގެން ތައްޔާރީ ޙާލަތުގައިއެޤައުމު އޮތްކަން ހާމަކުރައްވާފަ އެވެ. ނަމަވެސް އިސްރާއީލާއި އީރާނުގެ ކުރިމަތިލުންތައް ހިނގާނީ ކޮންގޮތަކަށްކަން ނޫނީ ކޮންލެވެލްއެއްގައިކަން ކަށަވަރުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. (ނޫސްއެޖެންސީތައް)