28 Jul 2026, 10:16
އިއާދަކުރުވަނިވި ހަކަތައާ ގުޅޭ ބައިނަލްއަގުވާމީ އިދާރާ (އިރީނާ)އަށް ރާއްޖޭން ކަނޑައަޅާ ދާއިމީ މަންދޫބު ކަމަށް ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ހަމަޖައްސަވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މިވަގުތު އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ ސަފީރުކަމުގައި ހުންނެވި ޠާރިޤްގެ ނަން ރައީސް ހުށަހެޅުއްވީ މިއަދެވެ.
ރައީސް ފޮނުއްވި ސިޓީ އިއްވުމަށް ފަހު ރިޔާސަތުން ވަނީ ޠާރިޤްގެ ނަން ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ.
ޠާރިޤް ވަނީ ތިން ފަހަރު މަތިން ތިން ސަރުކާރެއްގައި އެންވަޔަރަމަންޓް މިނިސްޓަރުކަން ކުރައްވައިފައެވެ. އެއީ މި ސަރުކާރުގެ އިތުރުން ކުރީގެ ދެ ރައީސުން ކަމަށްވާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ސަރުކާރާއި ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައެވެ. ޠާރިޤަކީ މި ސަރުކާރުގެ ފުރަތަމަ އެންވަޔަރަމަންޓް މިނިސްޓަރެވެ.
ޖަނަވަރީ 26، 2009ގައި އުފެއްދި އިރީނާއަކީ ހަކަތައަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ހަރަކާތްތެރިވާ އިދާރާއެކެވެ.
އިގުތިޞާދީ އަދި އިޖުތިމާއީ ކުރިއެރުން އޮންނަ މުސްތަގުބަލެއް ހޯދައިދިނުމަށްޓަކައި، އިރީނާއިން ދެމެހެއްޓެނެވި ގޮތެއްގައި އިއާދަކުރުވަނިވި ހަކަތަ ބޭނުންކުރުމަށް ބާރު އަޅައެވެ. ރާއްޖެ ވެސް ހިމެނޭހެން މި އިދާރާގައި 171 މެންބަރު ގައުމު ހިމެނެއެވެ.