އެމެރިކާއިން އީރާނާއެކު ރަނގަޅު މަޝްވަރާތަކެއް ކުރަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު އޮތް ކަމަށާއި ނަމަވެސް މަޝްވަރާތައް ކާމިޔާބު ނުވެއްޖެނަމަ އެމެރިކާގެ ހަމަލާތައް އަލުން ފެށޭނެ ކަމުގެ އިންޒާރުވެސް ޓްރަމްްޕް ވަނީ ދެއްވާފައެވެ.

ފަސް މަސް ދުވަހުގެ ހަނގުރާމައަށްފަހު، ހަނގުރާމަ ހުއްޓާލުމަށް ދެ ގައުމުން ވީ އެއްބަސްވުމާ ޚިލާފުވެ، އެެމެރިކާއިން އީރާނަށް މި މަހު ދޭން ފެށި ވައިގެ ހަމަލާތައް ހޮނިހިރު ދުވަހު ކުއްލިއަކަށް ވަނީ ހުއްޓާލާފައެވެ.

"އަޅުގަނޑުމެން މިދަނީ ރަނގަޅު ވާހަކަތަކެއް ދައްކަމުން. އަޅުގަނޑަށް ހީވަނީ ކަންތައްތައް ރަނގަޅުވުމުގެ ފުރުސަތު ބޮޑުހެން. އަދި އެކަން ވެއްޖެ ނަމަ ރަނގަޅު، ނުވެއްޖެ ނަމަ، މީގެ ދެ ދުވަސް ކުރިން އަޅުގަނޑުމެން ކަންތައްތައް ކުރަމުންދިޔަ ގޮތަށް ކުރާނަން." ޓްރަމްޕް ވިދާޅުވިއެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ހޯމަ ދުވަހު ވިދާޅުވީ މެދުވެރިން މެދުވެރިކޮށް އަދިވެސް މަޝްވަރާތައް ކުރަމުންދާ ކަމަށާއި އެއީ އީރާނުން އެދިގެން ކުރަމުންދާ މަޝްވަރާތަކެއް ނޫން ކަމަށެވެ. ނަމަވެސް މަޝްވަރާތައް ކުރިއަށް ގެންދިއުން އީރާނުންވެސް ބޭނުންވާކަން އޭނާ ވަނީ ހާމަކުރައްވާފައެވެ.

އީރާނުގެ އިސް އޮފިޝަލަކު އާދީއްތަ ދުވަހު ރޮއިޓާސްއަށް ވިދާޅުވީ އެމެރިކާއިން ހަމަލާ ނުދޭހާ ހިނދަކު އީރާނުން ވެސް ހަމަލާ ނުދޭނެ ކަމަށެވެ.

ހަމަލާތައް ހުއްޓާލި ނަމަވެސް އީރާނުގެ ކަނޑުގެ ސަރަހައްދުގައި އުޅަނދުފަހަރާއި ތެޔޮ ޓޭންކަރުތަކަށް އެެމެރިކާއިން އިންޒާރުދީ، ގަވާއިދާ ހިލާފަށް ކަނޑުގެ ބްލޮކޭޑެއް ތަންފީޒު ކުރަން މަސައްކަތް ކުރާ ކަމަށް އީރާނުގެ އަސްކަރީ މަރުކަޒު ކޮމާންޑުން ވަނީ ތުހުމަތުކޮށްފައެވެ.

ސައުދީ އަރަބިއްޔާގެ ޕެޓްރޯލިއަމްގެ އަމާޒުތަކަށް ޑްރޯން ހަމަލާ ދީފައިވާ ކަމަށް ސައުދީންވެސް ވަނީ ބުނެފައެވެ. އެއީ އީރާނުގެ ތާއީދު އޮންނަ ހަތިޔާރުއެޅި ޖަމާއަތުން އީރާގުން ފޮނުވި ހަމަލާއެއް ކަމަށާއި އެކަމަށް ރައްދު ދިނުމުގެ ހައްގު ލިބިގެންވާ ކަމަށް ސައުދީން ވަނީ ބުނެފައެވެ.