25 Sep 2012, 15:55
އަންނަ ރިޔާސީ އިންތިޚާބަށް ރާއްޖެ އިން ވަމުންދާ ތައްޔާރީތަކަށާއި އިންތިޚާބުގެ ތެރޭގައި އޮބްޒާވަރެއްގެ ގޮތުގައި އދ.ގެ އެހީތެރިކަން ލިބޭނެ ކަމުގައި ސެކްރެޓަރީ ޖެނެރަލް ބާންކީމޫން ވިދާޅުވެއްޖެ އެވެ.
ބާންކީމޫން މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ މިހާރު ރާއްޖެ އިން ކުރިއަށްދާންވީ ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމުގެ މަގުގައި ކަމަށާއި ޑިމޮކްރަސީ ނެގެހެއްޓުމުގައި އދ. އިން އަބަދު ވެސް ރާއްޖެ އަށް އެއްބާރުލުން ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ. އަދި މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިއަށް ކުރިމަތިވަމުންދާ އެކިއެކި ނޭދެވޭ އަސަރުތަކާ ދެކޮޅަށް ރާއްޖެ އިން ކުރަމުން ގެންދާ މަސައްކަތްތަކުގައި މެދުނުކެނޑި ކުރިއަށް ދިއުމަށް ވެސް ބާންކީ މޫން އެދިވަޑައިގަތެވެ.
ބާންކީންމޫންއާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އދ. އިން ރާއްޖެ އަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޓަކައި އދ.ގެ ސެކްރެޓަރީ ޖެނެރަލަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ކޯނީ އަލުން އެކުލަވާލުމުގައި ދެއްވި އެއްބާރުލެއްވުން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ކަމުގައި ރައީސް އޮފީހުން ބުންޏެވެ. ކޯނީ ރިޕޯޓްގައި ފާހަގަކޮށްފައިވާ އެކިއެކި މައްސަލަތަކާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ ރިޕޯޓާއި، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަތަކަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.