ފެބްރުއަރީ އަށް ވަނަ ދުވަހު އައްޑޫ ސިޓީގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ ކުރި ދެ ކުއްޖަކު ދައުވާއަށް އިންކާރުކޮށްފި އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ދެ ކުދިންނަށް ވަކީލަކު އައްޔަން ކުރަން ފުރުސަތު ދިނުމަށްފަހު މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޮތީ ވަކީލާއި އެކު އެ ދެ ކުދިން ދައުވާ އަށް ޖަވާބުދާރީވުން ކަމަށެވެ. އަދި ދައުވާ އަށް ޖަވާބުދާރީވަމުން ދެ ކުދިން ވެސް ދައުވާ އަށް އިންކާރުކޮށްފައިވާކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ކުރީގެ ޝަރީއަތުގެ މަޖިލީހުގައި އެ ދެ ކުދިންނަށް ވެސް ވަކީލަކު އައްޔަން ކުރުމަށް ފުރުސަތު ދެވުނު. މިއަދު ވަކީލަކާއި އެކު އެ ދެ ކުދިން ކޯޓަށް ހާޒިރުވެ ވަނީ ދައުވާއަށް ޖަވާބުދާރީ ވެފައި. ދެ ކުދިން ވެސް ވަނީ ދައުވާ އަށް އިންކާރުކޮށްފައި،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެ ދެ ކުދިންގެ ތެރެއިން އެއްކުއްޖެެއްގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ އިރުއޮއްސި 6:00 ޖަހާ އެހާކަންހާއިރު ސ. ގަމަށް އެރުމަށް ދާން އޮންނަ ކޯޒުވޭ މަތީގައި ސަފަކަށް އެތުރިގެން ތިބި ސިފައިންނާއި ފުލުހުންނަށް އެ ކުއްޖާ ހަމަލާދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

އަނެއްކުއްޖާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ އިރުއޮއްސި 6:00 ޖަހާއެހާކަންހާ އިރު ސ. ގަމަށް އެރުމަށް ދާން އޮންނަ ކޯޒުވޭ މަތީގައި ސަފަކަށް އެތުރިގެން ތިބި ސިފައިންނާއި ފުލުހުންނަށް އެ ކުއްޖާ ހަމަލާދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ހަމަ އެ ދުވަހު ގަމު ޕޮލިސް ސްޓޭޝަންގެ އިމާރާތަށާއި މުދަލަށް އެ ކުއްޖާ ގެއްލުންދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައިގައި ތިން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާއިރު ކުރީގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރު ނުކުރެވުނު ކުއްޖާ މިއަދު ޝަރީއަތަށް ހާޒިރުކޮށް ވަކީލަކާއި އެކު ދައުވާ އަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދީފައިވާކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެެވެ.

އެކުއްޖާގެ މައްޗަށް ވެސް ދައުވާ ކޮށްފައި ވަނީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ އިރުއޮއްސި 6:00 ޖަހާ އެހާކަންހާއިރު ސ. ގަމަށް އެރުމަށް ދާން އޮންނަ ކޯޒުވޭ މަތީގައި ސަފަކަށް އެތުރިގެން ތިބި ސިފައިންނާއި ފުލުހުންނަށް އެ ކުއްޖާ ހަމަލާދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ހަމަ އެދުވަހު ގަމު ޕޮލިސް ސްޓޭޝަންގެ އިމާރާތަށާއި މުދަލަށް އެ ކުއްޖާ ގެއްލުންދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ޖުވެނައިލް ކޯޓުން ބުންޏެވެ.

އެ ތިން ކުދިންގެ މައްޗަށް ވެސް ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) އާއި (ކ) އާއި ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ދަށުންނެވެ.

އެގާނޫނުގައި ބުނާ ގޮތުން އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ.