ސަޢޫދީ ޢަރަބިއްޔާގެ ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު އަދި އެ ގައުމުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު ޕްރިންސް ޑރ. މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިއަދު ފުރާވަޑައިގެންފިއެވެ.

ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ސަޢޫދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ފަރާތްޕުޅުން ވަޑައިގެންނެވި ޕްރިންސް ޑރ. މަންޞޫރު ރާއްޖެ ވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހެވެ.

އެ މަނިކުފާނު ރާއްޖެ ވަޑައިގަތީ ރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށެވެ.

ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ވަރުގަދަކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.

ޕްރިންސް ޑރ. މަންޞޫރަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަލްވަދާއު ވިދާޅުވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާއި ފޮރިން ރިލޭޝަންސް ސެކްރެޓަރީ މުޙައްމަދު ނަޞީރު ކަމަށް، ރައީސް އޮފީހުން ބުންޏެވެ.

ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނީ ޖުލައި 26، 1965 ގައެވެ. މިއީ އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައި 77 އަހަރަށްވުރެ ގިނަ ދުވަހު އޮތުމަށްފަހު ލިބުނު މިނިވަންކަމެކެވެ.

މިނިވަންކަމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު ސުމުއްވުލްއަމީރު އަލްމަރްހޫމް އިބްރާހީމް ނާޞިރެވެ. އަދި އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސާ މައިކަލް ވޯކާއެވެ. މި ތާރީޚީ ރަސްމިއްޔާތު އޮތީ ސްރީލަންކާގެ ކޮޅުނބުގައި ހުންނަ އިނގިރޭސި ހައިކޮމިޝަނަރުގެ ގޭގައެވެ.