27 Jul 2026, 18:35
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ ގާތްގަނޑަކަށް ދެ ހަފުތާ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން ތާވަލުކޮށްފިއެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގައި އެންމެ ފަހުން ޖަލްސާއެއް ބާއްވައިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހެވެ. އެ ފަހުން މަޖިލީހުގެ އެއްވެސް ކޮމިޓީ ބައްދަލުވުމެއް ވެސް ބާއްވައިފައި ނެތެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މި ހިނގާ ދެވަނަ ދައުރުގައި ޖަލްސާތައް އޮންނާނީ ޖޫން މަހުން ފެށިގެން މި ފެށޭ އޮގަސްޓު މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިދިޔަ ދައުރުތަކެކޭ އެއްފަދައިން މި ދައުރު ދަންމައިލުން ވެސް އެކަށީގެންވެއެވެ.
ބައެއް ކޮމިޓީތައް ފަސް މިނެޓު ނުވަތަ 10 މިނެޓުން ނިންމާލުމާއި ގަޑި ޖެހުމާއެކު ކޮމިޓީތައް ކެންސަލްކުރާ މައްސަލައާއި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގަވައިދުން ބާއްވަމުން ނުދިޔުމުގެ އިތުރުން މެންބަރުން ބިލުތަކަށް ބަހުސްކުރާ ގޮތުގެ ސަބަބުން އާންމުންގެ ފާޑުކިޔުން އަބަދު ވެސް މަޖިލީހުގެ މެންބަރުންނަށް އަމާޒުވެއެވެ.
ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާ މަޖިލީހުގެ މެންބަރުންނަށް ބޮޑު މުސާރައާއި ގިނަ އިނާޔަތްތަކެއް ލިބޭއިރު، އެއާ އެއްވަރަށް މަސައްކަތް ނުކުރާ ކަމުގެ ޝަކުވާ އަބަދު ވެސް އޮވެއެވެ.
ވަކިން ޚާއްސަކޮށް މިދިޔަ ދައުރުތަކާއި މި ހިނގާ ދައުރުގައި ވެސް ޖަލްސާތައް ގަވާއިދުން ނުބޭއްވުމާއި މަސައްކަތްތައް މަދުވުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެކެވެ.