ބައްތިރީސް ކުޅުންތެރިންނާ އެކު، މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ފަރާތުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ގައުމީ އެއިޓް ބޯލްސް ޗެންޕިއަންޝިޕްގެ ފައިނަލުން އިބްރާހިމް ޝަރީފް ޖާގައެއް ކަށަވަރު ކޮށްފި އެވެ.

ޝަރީފް ފައިނަލުން ޖާގައެއް ކަށަވަރު ކުރީ ސެމީ ފައިނަލުގައި އަލީ ފަޔާޒް އާއި ވާދަކޮށް އަށް ޕޮއިންޓު ހަތް ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެނެވެ.

މީގެ އިތުރުން މި މުބާރާތުގައި ރޭ ވަނީ ލޫޒާ ބެރެކްޓްގެ ޕްރީ ކުއާޓާ ފައިނަލް ވެސް ކުޅެފަ އެވެ. އެގޮތުން ރޭ ކުޅެވުނު މި މެޗްތަކުން ކުއާޓާ ފައިނަލްގައި ޖާގަ ކަސަވަރުކޮށްފައި ވަނީ މުހައްމަދު ޝަރީފާއި ހުސެން ފަޔާޒެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ޖެނެރަލް ސެކެރެޓަރީ އިސްމާއިލް ސުވެއިދު ބުނީ، މި މަހުގެ 20 އިން 26 ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ގައުމީ ރޭންކިންގައި އެކަކުން 16 އަށް ހިމެނޭ ހުރިހާ ކުޅުންތެރިން ވެސް ވާދަކުރާ ކަމަށެވެ. އަދި މި މުބާރާތުގައި ވާދަކުރަނީ ސޯޅަ އަހަރުން މަތީގެ ކުޅުންތެރިން ކަމަށް ވެސް އޭނާ ބުންޏެވެ.

ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އެއިޓް ބޯލްސް ޗެންޕިއަންޝިޕް ކުޅެވެނީ ޖުމްލަ 32 ކުޅުންތެރިންގެ މައްޗަށް ޑަބަލް އެލިމިނޭޝަންގެ އުސޫލުންނެވެ.

މިމުބާރާތުގައި މިރޭ ވެސް މެޗްތަކެއް ކުޅުމަށް ހަމަޖެހިފައިވާ އިރު، މި ރޭ ކުޅުމަށް ހަމަޖެހިފައި ވަނީ ލޫޒާ ބުރެކެޓުގެ ކުއާޓާ ފައިނަލާއި ސެމީ ފައިނަލް މެޗްތަކެވެ. އަދި ކުއާޓާ ފައިނަލުގައި ބައްދަލުކުރާނީ ހުސެން ފަޔާޒާއި މުހައްމަދު ޝަރީފެވެ. އަދި މިތަނުން މޮޅުވާ ކުޅުންތެރިޔަކާ އެކު ސެމީއިން ބައްދަލުކުރާނީ އަލީ ފަޔާޒާ އެވެ.

މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ގަލޮޅުގައި ހުންނަ މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ކުލަބް ހައުސްގަ އެވެ.