07 Sep 2010, 08:38
13:37
މީހުން ދިރިއުޅޭ ރަށްތައް ގެޒެޓްކުރުމާ ގުޅޭ މަޝްވަރާތައް ސަރުކާރާއި ޑީއާރްޕީއާ ދެމެދު ފަށައިފި އެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ، ރަށްތައް ގެޒެޓް ކުރުމާ ގުޅޭ ގޮތުން ސަރުކާރާގެ ވަފުދަކާއި އިދިކޮޅު ޑީއާރްޕީގެ ވަފުދަކާ ދެމެދު އިއްޔެ ފެށި މަޝްވަރާގެ ފުރަތަމަ ބުރު ކުރިއަށް ދިޔައީ ވަރަށް އެކަށީގެންވާ ގޮތެއްގައި ކަމަށެވެ.
ރައީސް އޮފީހުގައި ކުރިއަށްގެންދާ އެ މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ، ހޯމް މިނިސްޓަރު މުހައްމަދު ޝިހާބާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމުގެ އިތުރުން މީހުން ދިރިއުޅޭނެ ރަށްރަށް ކަނޑައެޅުމުގައި ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ ދެއްވުމަށް އެކުލަވާލެއްވި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުން ކަމަށްވާ ފިޝަރީޒްގެ ސްޓޭޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީގު އަދި ހޯމް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ޝަރީފް ނަފީސް އެވެ. ޑީއާރްޕީގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ، އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު މަވޯޓާ އިބްރާހިމް ޝަރީފާއި ހަނިމާދޫ ދާއިރާގެ މެމްބަރު މުހައްމަދު މުޖުތާޒުގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އެވެ.
ޒުހެއިރު ވިދާޅުވީ އިއްޔެ ދެ ފަރާތުގެ މެދުގައި ވެސް ވަރަށް އެކުވެރިކަމާއެކު މަޝްވަރާތައް ކުރެވުނު ކަމަށެވެ. އަދި ހިޔާލު ތަފާތުވެ، ފުށުއަރާ މައްސަލަތަކެއް ހުރި ނަމަވެސް، އެކަންކަން އެއްކިބާކޮށް، ހަލުއިމިނެއްގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރިހާ ބޭފުޅުން ވެސް އަހައްމިޔަތު ދެއްވާކަން ޕްރެސް ސެކްރެޓަރީ ފާހަގަކުރެއްވި އެވެ. މަޝްވަރާގެ ވާހަކަތަކުގެ ދެވަނަ ބުރު އޮންނާނީ މާދަމާ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތުން މި މަޝްވަރާގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅެއްގެ ބަސް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އެހެން ނަމަވެސް، ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ކުރިން ވިދާޅުވެފައިވަނީ، ރަށްތައް ގެޒެޓްކުރުމަށޭ ބުނެ، ސަރުކާރުން ބޮޑު މަޝްވަރާތަކަކަށް ދާން މަސައްކަތްކުރަނީ ލޯކަލް ކައުސިލްތަކުގެ އިންތިހާބު ލަސްކުރުމަށް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވެސް ތަކުރާރުކޮށް ބުނަމުންދަނީ، ރަށްތައް ގެޒެޓްކުރުމުގެ މަސައްކަތް ނިމިފައިނުވުމުގެ ސަބަބުން، އިންތިހާބަށް ހުރަސް އެޅި، މަގުބަންދުވެފައިވާ ކަމަށެވެ. އަދި އިންތިހާބު ބޭއްވޭނެ ތާރީޚެއް ކަނޑައެޅިގެން ބުނަން އެނގޭނީވެސް، ރަށްތައް ކަނޑައަޅާ ނިމުމުން ކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ބުނެ އެވެ.
ލޯކަލް ކައްސިލްތަކުގެ އިންތިހާބުގެ ޤާނޫނުގައިވާ ގޮތުގައި، މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން އިއުލާންކޮށް، ރާއްޖޭގެ އިދާރީ ދާއިރާއެއްގެ މީހުން ދިރިއުޅޭ ރަށެއް ނުވަތަ ސަރަހައްދެއްގެ ގޮތުގައި އެ ރަށްތައް ގެޒެޓުކުރަންޖެހެ އެވެ.