ފައިނަލުގައި ބީޖީ ސްޕޯޓްސް ކުލަބު 7 ވިކެޓުން ބަލިކޮށް، މޯލްޑިވްސް ޓީ20 ޗެމްޕިއަންޝިޕް 2026 ގެ ތަށި އަނަކީ ސްޕޯޓްސް ކުލަބު ހޯދައިފިއެވެ.

މާލޭ ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ކުޅެން އަރައި ބީޖީ ސްޕޯޓްސްއަށް 15.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 82 ލަނޑެވެ.

އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 26 ލަނޑު ހޯދި ޑޯން ކަސުންއެވެ. އަނަކީ ސްޕޯޓްސްގެ އިސުރު ސަމްޕަތު ވަނީ 2.5 އޯވަރުގެ ތެރޭގައި އެންމެ 4 ލަނޑަށް 4 ވިކެޓު ނަގާފައެވެ.

މީގެ އިތުރުން ނިފްރާސް ނަޒްމީ ވަނީ 10 ލަނޑަށް 4 ވިކެޓު ނަގައި، ބީޖީގެ ބެޓިން ލައިނަޕް ރޫޅާލުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ޖަވާބުގައި އަނަކީ ސްޕޯޓްސްއިން ވަނީ 9.1 އޯވަރުގެ ތެރޭގައި 3 ކުޅުންތެރިން ނުބައިވެގެން 83 ލަނޑު ހަމަކޮށް، މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ޗަމަލްކާ ސޯހަން 15 ބޯޅައިން 25 ލަނޑު ހެދިއިރު، ސަމްޕަތު ދިނޭޝް ވަނީ ނުބައިނުވެ 15 ބޯޅައިން 22 ލަނޑު ހަދާފައެވެ.

މީގެ އިތުރުން އިސުރު ސަމްޕަތު ވަނީ 20 ލަނޑު ހޯދައިދީ، ޓީމު މޮޅުކޮށްދިނުމުގައި ބޮޑު ހިއްސާއެއްވެފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އިސުރު ސަމްޕަތެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މުބާރާތުގެ ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސްްރީ ލަންކާގެ ހައި ކޮމިޝަނަރު މުޙައްމަދު ރިޒްވީ ޙަސަނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށށް ދިނޭޝް ކުމާރު ހޮވުނުއިރު އެންމެ މޮޅު ބެޓްސްމަނަކަށޤ ހޮވުނީ ސަމްޕަތު ދިނޭޝެވެ. އެންމެ މޮޅު އުކުންތެރިއަކަށް ނިބޯދާ ޝިވަންތަ ވަނީ ހޮވިފައެވެ.