ރާއްޖޭގެ ކޮންމެވެސް އެއް އެއާޕޯޓެއްގައި ބަޔޯ މެޓްރިކް ސެކިއުރިޓީ ސިސްޓަމެއް ގާއިމްކޮށްދޭން ޕާކިސްތާނު ސަރުކާރުން ހުށައަޅައިފި އެވެ. ޕާކިސްތާނުގެ ފަރާތުން އެކަން ހުށައެޅުއްވީ ސާކް މިނިސްޓީރިއަލް މީޓިންގައި ބައިވެރިވެވަޑައިގެންނެވުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު އަބުދުއްރަހުމާން މާލިކު އެވެ.

ސާކް މިނިސްޓީރިއަލް މީޓިންގެ ހަވާސާގައި މިއަދު ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރާއި ރާއްޖޭގެ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު އަބުދުއްރަހުމާން މަލިކު ވިދާޅުވީ ބަޔޯ މެޓްރިކް ސެކިއުރިޓީ ސިސްޓަމެއް ގާއިމްކޮށްދީ، އެ ސިސްޓަމް ބެލެހެއްޓުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާކިސްތާނުން ގަސްދުކުރާ ކަމަށެވެ.

ޕެރަޑައިޒް އައިލެންޑް ރިސޯޓްގައި އޮތް އެ ބައްދަލުކުރެއްވުމުގައި ހޯމް މިނިސްޓަރު ޖަމީލު ވިދާޅުވީ މައްސަަލަ ބޮޑު، ބޯޑަކޮންޓްރޯލް ސިސްޓަމެއްގެ މައްސަލަ މިހާރު ވެސް ކުރިއަށްދާ ކަމަށާއި އެހެން ނަމަވެސް އެއަށް ވުރެ ބޮޑަށް އިސްކަން ދެއްވާނީ ޕާކިސްތާނުން ހުށައެޅި ހުށައެޅުމަށް ކަމަށެވެ. އަދި ވިދާޅުވީ އެކަަމާ މެދު އިތުރަށް ތަފްސީލުކޮށް މަޝްވަރާކުރައްވާނެ ކަމަށެވެ.

"މެލޭޝިއާގެ ކުންފުންޔަކާ އެކު މައްސަލަ ބޮޑު މަޝްރޫއެއްގެ ކަންތައްތައް ދަނީ ހިނގަމުން. އެހެން ނަމަވެސް އަޅުގަނޑު ބޮޑަށް އިހުތިރާމް ކުރާނީ ޕާކިސްތާނުގެ ހުށައެޅުމަށް. އެކަމާ މެދު އަޅުގަނޑުމެން އިތުރަށް ތަފްސީލުކޮށް މަޝްވަރާކުރާނަން،" ޑރ. ޖަމީލު ވިދާޅުވި އެވެ.

ރާއްޖޭގައި ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރުމަށް މެލޭޝިއާގެ ނެކްސް ބިޒްއާ ހަވާލުކޮށްފައި ވަނިކޮށް، އެކަމުގެ ތެރޭގައި ކޮރަޕްޝަނުގެ މައްސަލަތަކެއް ހުރި ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އެ މަސައްކަތް ހުއްޓާލަން އަންގާފަ އެވެ.

ޕާކިސްތާނުން ގާއިމް ކޮށްދޭން ހުށައަަޅާ ބަޔޯމެޓްރިކް ސެކިއުރިޓީ ސިސްޓަމަކީ ބޯޑަކޮންޓްރޯލް ސިސްޓަމެއް ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެ އެވެ.