އިސްރާއީލުގެ ވަޒަންވެރިން ހުޅަނގު އައްސޭރީގެ ދެ މިސްކިތެއްގައި ރޯކޮށްލައިފި
އިސްރާއީލުގެ ވަޒަންވެރިން ހުޅަނގު އައްސޭރީގެ ދެ މިސްކިތެއްގައި ރޯކޮށްލައިފި

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހުރި ދެ މިސްކިތެއްގައި އިސްރާއީލުގެ ވަޒަންވެރިން އަލިފާން ރޯކޮށްލައިފިއެވެ.

އިސްރާއީލުގެ ވަޒަންވެރިން ހުޅަނގު އައްސޭރީގެ ދެ މިސްކިތެއްގައި ރޯކޮށްލައިފި
އިސްރާއީލުގެ ވަޒަންވެރިން ހުޅަނގު އައްސޭރީގެ ދެ މިސްކިތެއްގައި ރޯކޮށްލައިފި

މި އަމަލު ހިންގާފައި ވަނީ ހުކުރު ދުވަހު ފަލަސްތީނުގެ ތާލް އަވަށުގައި އިސްރާއީލުގެ ވަޒަންވެރިން ހިންގި ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ ހަތަރު މީހަކާއި އިސްރާއީލުގެ ދެ ސިފައިން މަރުވެފައި ވަނިކޮށެވެ.

އެ ހާދިސާގެ ތެރެއިން އެ އަވަށުގެ މީހުން ނުކުމެ ވަޒަންވެރިންނާ ކުރިމަތިލުމުން ހަމަނުޖެހުންތަކެއް ހިނގާފައިވެއެވެ. ފަލަސްތީނުގެ މީހަކު ވަޒަންވެރިއެއްގެ ހަތިޔާރު އަތުލައިގެން ދިޔަ މަންޒަރު ވީޑިއޯއިން ފެނެއެވެ. ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެ ހަމަނުޖެހުން ފެށީ ވަޒަންވެރިންނެވެ. ނަމަވެސް، އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ދެ ފަރާތުން ވެސް ބަޑިޖަހާފައިވާ ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެއީ އިސްރާއީލުގެ އާންމުންނާ ދެކޮޅަށް ހިންގި ޓެރަރިޒަމްގެ އަމަލެއް ކަމަށް ސިފަކޮށް، ހުޅަނގު އައްސޭރީގައި ތިބި ސިފައިންގެ ފައުޖުތައް ވަރުގަދަކޮށް ބޮޑު އޮޕަރޭޝަނެއް ހިންގުމަށް އަމުރުކޮށްފައެވެ.

ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ފަލަސްތީނުގެ ރަށްތަކަށް ވަޒަންވެރިން ސިލްސިލާ ހަމަލާތަކެއް ދީފައިވާ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެއެވެ.

މިސްކިތުގެ ބޭރުގައި ހިބްރޫ ބަހުން ލިޔެފައި. ފޮޓޯ/ރޮއިޓާސް

ނާބުލުސްގެ އިރުދެކުނުން އޮންނަ ޤުސްރާގެ ރަށު ކައުންސިލްގެ ވެރިޔާ އަބްދުލް އާޒިމް ވާދީ ވިދާޅުވީ، އާދީއްތަ ދުވަހުގެ ވަގުތެއްގައި ވަޒަންވެރިން ވަނީ އެ ރަށުގައި އަލަށް އިމާރާތްކޮށްފައިވާ މިސްކިތެއްގައި އަލިފާން ރޯކޮށް އަންދާލާފައެވެ.

"މިސްކިތް އޮތީ އެންމެ ފަހުގެ މަރުހަލާގައި. ކުރިން ވެސް ސޯފާތައް ޖަހާފައި ހުރީ. އެމީހުން ވަނީ އަލިފާން ރޯކޮށް، ފާރުތަކުގައި ހިބްރޫ ބަހުން ނަސްލީ ތަފާތުކުރުންތަކުގެ ޝިއާރުތައް ލިޔެފައި،" އާޒިމް ވިދާޅުވިއެވެ.

ފަލަސްތީނުގެ އޮފިޝަލުން ބުނާ ގޮތުގައި ވަޒަންވެރިން ވަނީ ކޫރު އަވަށުގެ އެހެން މިސްކިތެއްގައި ވެސް އަލިފާން ރޯކޮށް، އެ މިސްކިތުގެ ފާރުތަކުގައި ޝިއާރުތަކެއް ލިޔެފައެވެ.

ހުކުރު ދުވަހު ތާލްގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމަށް ފަހު، ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ވަޒަންވެރިން އެތައް ހަމަލާއެއް ދީފައިވާ ކަމަށް ފަލަސްތީނުގެ ރައްޔިތުން ބުނެއެވެ.

އިސްރާއީލުގެ ޑިފެންސް ފޯސަސް (އައިޑީއެފް) އިން ވަނީ ނާބުލުސް އާއި ކައިރި އަވަށްތަކަށް ވަދެގަނެ، "ޓެރަރިޒަމާ ދެކޮޅަށް" ކަމަށް ބުނެ ވަރުގަދަ އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަންގެ ދަށުން ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުން ފަލަސްތީނުގެ 130 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގައި ހަރަކާތްތެރި ވަނީ. ފޮޓޯ/ގެޓީ

ފާއިތުވި މަސްތަކުގައި ހުޅަނގު އައްސޭރީގައި ވަޒަންވެރިން ދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިސްވެ އޮވެ އިސްރާއީލަށް ދިން ހަމަލާތަކުގެ ކުރިން ވެސް އެ ސަރަހައްދުގެ ހާލަތު އޮތީ ގޯސްކޮށެވެ.

ނަމަވެސް ޣައްޒާގައި ހަމާސްއާ ދެކޮޅަށް އިސްރާއީލުން ފެށި ހަނގުރާމައަށް ފަހު، ހުޅަނގު އައްސޭރީގައި ވަޒަންވެރިންގެ އަނިޔާވެރިކަން ވަނީ އިތުރުވެފައެވެ.

ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 1،114 މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން މަދުވެގެން 35 މީހުން މަރުވެފައި ވަނީ ވަޒަންވެރިންގެ ހަމަލާތަކުގައި ކަމަށް އދ. އިން ބުނެއެވެ.

ޣައްޒާ ހަނގުރާމަ ފެށުނު ފަހުން ފަލަސްތީނުގެ ހަމަލާތަކުގައި ނުވަތަ ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގެ ތެރޭގައި އާންމުންނާއި ސަލާމަތީ ބާރުތަކުގެ މީހުން ހިމެނޭ ގޮތަށް އިސްރާއީލުގެ 41 މީހަކު މަރުވެފައިވާ ކަމަށް އދ. އިން ބުނެފައިވެއެވެ.