ކުލަބް އީގަލްސްގެ ހަމައެކަނި ޓާގެޓަކީ ގަދަ ހަތަރަކުން ޖާގަ ހޯދުން ކަމަށް އެޓީމުގެ ހެޑް ކޯޗް އިހުސާން އަބުދުލްގަނީ (ސާންތީ) ބުނެފި އެވެ.

ސަން މީޑިއާ ގްރޫޕްގެ ސަންޓީވީ ޕްލަސް އިން ގެނެސްދޭ ކުޅިވަރު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަމުން ކޯޗް ސާންތީ ބުނީ، ލީގުގެ ފަހު ބުރުގެ ތިން މެޗު ވެސް ކާމިޔާބު ކުރުން މުހިންމު ކަމަށެވެ. އެގޮތުން މާދަމާ ހަވީރު މާޒިޔާއާ ދެކޮޅަށް ނިކުންނާނީ އެ އުންމީދާއެކު މޮޅެއް ހޯދުމުގެ އަޒުމުގައި ކަމަށް ސާންތީ ބުންޏެވެ.

"ލީގުގެ ބާކީ ތިން މެޗުން ވެސް މޮޅެއް ހޯދުން އީގަލްސްއަށް ވަރަށް މުހިންމު. އީގަލްސްގެ ޓާގެޓަކީ ގަދަ ހަތަރަކުން ޖާގައެއް ކަށަވަރު ކުރުން." ސާންތީ ބުންޏެވެ.

ލީގުގެ ފަހު ބުރުގައި މާދަމާ އީގަލްސް މާޒިޔާއާ ދެކޮޅަށް ނިކުނައިރު، މާޒިޔާ އޮތީ 32 ޕޮއިންޓާއެކު ލީގުގެ ދެ ވަނައިގަ އެވެ. އަދި އީގަލްސް އޮތީ 18 ޕޮއިންޓާއެކު ލީގުގެ ފަސް ވަނައިގަ އެވެ.

މާޒިޔާ މެޗަށް ފަހު ލީގުގައި ދެން އީގަލްސް މިމަހުގެ 30 ވަނަ ދުވަހު ބައްދަލުކުރާނީ ވީބީ އައްޑޫ އެފްސީއާ ދެކޮޅަށެވެ. އަދި ލީގުގެ ފަހު މެޗުގައި އަންނަ މަހުގެ ތިން ވަނަ ދުވަހު އީގަލްސް ނިކުންނާނީ އޭވައިއެލްއާ ދެކޮޅަށެވެ.