25 Sep 2012, 14:51
ސްޕެނިސް ލީގުގައި ރޭ ރާޔޯ ވެލެކާނޯ އަތުން 2-1 ލަނޑުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.
ރަށުން ބޭރުގައި ރެއާލް ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު އެޓީމުން ޖެހީ މެޗުގެ 13 ވަނަ މިނެޓުގައެވެ. އެ ލަނޑު ރެއާލް އަށް ކާމިޔާބު ކޮށްދިނީ ކަރިމް ބެންޒެމާ އެވެ. އަދި އެ ޓީމުގެ ދެ ވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ޖެހީ ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
މިމެޗްގެ ފަހު މިނިޓްގައި ރާޔޯ ވަލެކާނޯގެ ކަސާޑޯއަށް ރެފްރީވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފަ އެވެ.
މިމެޗުން މޮޅުވުމުގެ ސަބަބުން ރެއާލް މެޑްރިޑަށް ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނަ މަޤާމެވެ. އެއްވަނައިގައި އޮތް ބާސެލޯނާއަށް ފަސް މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ. އަދި ރޭ ރެއާލް އަތުން ބަލިވި ރާޔޯ އޮތީ ހަތް ޕޮއިންޓާއެކު ލީގުގެ އަށް ވަނައިގަ އެވެ.
މިމުބާރާތުގައި ރޭ ޑިޕޯޓިވޯ ލަކުރޫނިޔާއާ ދެކޮޅަށް ސެވިއްޔާ ކުޅުނު މެޗް 2-0 ލަނޑުން ކާމިޔާބުކޮށްފައިވަނީ ސެވިއްޔާ އެވެ.