މާލޭގެ ބައެއް ހިސާބުތަކަށް އުދަ އަރައިފި؛ އެމްއެންޑީއެފުން ފެން ހިންދަނީ
މާލޭގެ ބައެއް ހިސާބުތަކަށް އުދަ އަރައިފި؛ އެމްއެންޑީއެފުން ފެން ހިންދަނީ

މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރައި ފެންބޮޑުމުން، އެމްއެންޑީއެފުން ފެން ހިންދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، އުދައަރައި މަގުތަކުގައި ފެންބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ބުނެފައެވެ.

އެ މުއައްސަސާއިން ބުނި ގޮތުގައި ފެން ހިންދުމުގެ މަސައްކަތުގައި މި ވަގުތު ހަރަކާތްތެރިވަނީ ހަމައެކަނި ކާނިވަލް ސަރަހައްދުގައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ބައެއް ވީޑިއޯތަކުން، އަލަށް ތާރު އަޅައި ނިންމި ބޮޑުތަކުރުފާނު މަގުގެ ސަރަހައްދަށް ވެސް އުދަ އަރައިފައިވާ މަންޒަރު ފެނެއެވެ.

ބޮޑުތަކުރުފާނު މަގުގެ އަލަށް ހެދި ސަރަހައްދަށް އުދަ އަރާފައި -- ފޮޓޯ/ މުންޝިދު، އެކްސް

ފާހަގަކޮށްލެވޭ ގޮތުގައި މެޓް އޮފީހުން ވަނީ މިއަދުގެ އިރުއޮއްސި 18:00 އަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ.

އެ އިދާރާއިން ވަނީ، މިހާރު ކުރިއަށްދާ ސްކޫލު ބަންދު މި ހަފުތާގައި ނިމޭއިރު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. އެހެންކަމުން ޗުއްޓީ ނިންމައިފައި ދަތުރު ކުރާ މީހުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.