ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެޑްވައިޒަރު ކަމުގެ މަގާމަށް އިބްރާހީމް މޫސާ ލުތުފީ (ސަންދާން ލުތުފީ) ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައިފި އެވެ.

އެޑްވައިޒަރުގެ މަގާމަކީ ސްޓޭޓް މިނިސްޓަރުން ފެންވަރުގެ މަގާމެކެވެ. އެ މަގާމަށް މުސާރައަކީ 32،000ރ. އެވެ.

ލުތުފީ އަކީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 2002 ވަނަ އަހަރު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ފަރާތެކެވެ. އެ ހުކުމާއި އެކު އޭނާ ސަރުކާރަށް ފިއްލަވައިގެން ސުވިޒިލެންޑްގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވުމަށް ފަހު ޗުއްޓީއެއްގައި ރާއްޖެވަޑައިގެންނެވީ މިދިޔަ މަހު އެވެ. ނަމަވެސް އޭނާ އަދިވެސް ރާއްޖޭގައި އެބަ ހުންނެވި އެވެ. ނަމަވެސް އޭނާގެ އާއިލާ މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ސުވިޒަލޭންޑްގަ އެވެ.

ސަންދާނު ލުތުފީ އަކީ ރައީސް މުހަންމަދު ނަޝީދާއި އެކު އިސްލާހީ މަސައްކަތުގައި ވަރަށް ކައިރިން މަސައްކަތް ކުރެއްވި ބޭފުޅެއް ނަމަވެސް ނަޝީދުގެ ވެރިކަމުގެ ފަހުދުވަސްކޮޅުން ފެށިގެން ލުތުފީ އަންނަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ލުތުފީގެ މައްޗަށް އިއްވާފައިވާ ހުކުމް ތަކަށް ރައީސް ނަޝީދުވަނީ މާފުދެއްވައިފަ އެވެ.

ސަންދާނު ލުތުފީ އެ މަގާމަށް ހަމަޖެއްސުމާ އެކު ރައީސްގެ އެޑްވައިޒަރުންގެ އަދަދު ވަނީ ހަތަރަކަށް އުފުލިފަ އެވެ. ރައީސްގެ އެޑްވައިޒަރުންގެ މަގާމުގައި ދެން ތިއްބަވައި ބޭފުޅުންނަކީ އަހުމަދު ތައުފީގު (ޓޯޕީ) އާއި ޑރ. ހަސަން ސައީދާއި އަދި ސަންދާނު އަހައްމައިދީ އެވެ.