19 މިލިއަން ޑޮލަރާއި 74 ކިލޯ ރަނާއެކު އިންޑޮނޭޝިއާގެ ކުރީގެ އެންޓި ކޮރަޕްޝަން ޕްރޮސެކިއުޓަރު ހައްޔަރުކޮށްފި
19 މިލިއަން ޑޮލަރާއި 74 ކިލޯ ރަނާއެކު އިންޑޮނޭޝިއާގެ ކުރީގެ އެންޓި ކޮރަޕްޝަން ޕްރޮސެކިއުޓަރު ހައްޔަރުކޮށްފި

އިންޑޮނޭޝިއާގެ ކުރީގެ އެންމެ އިސް އެންޓި-ކޮރަޕްޝަން ޕްރޮސެކިއުޓަރު ފެބްރީ އަޑްރިއަންސާގެ ގެއިން 19 މިލިއަން އެމެރިކާ ޑޮލަރާއި 74 ކިލޯގްރާމްގެ ރަން ފެނުމާ ގުޅިގެން އޭނާ ހައްޔަރުކޮށްފިއެވެ.

އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާފައިވާ ކަމުގެ ތުހުމަތުގައެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޖަކާޓާގެ ބޭރުގައި ހުންނަ އޭނާގެ ގެއިންނާއި އެހެނިހެން ބައެއް ތަންތަނުން ގިނަ އަދަދެއްގެ ފައިސާ އާއި ރަން ފެނުމާ ގުޅިގެން، ހަތަރު އަހަރަށް ވުރެ ގިނަ ދުވަހު އެ މަގާމު ފުރުއްވުމަށްފަހު، މި ޖުލައި މަހުގެ 11 ވަނަ ދުވަހު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އިންޑޮނޭޝިއާގެ ކުރީގެ އިސް އެންޓި ކޮރަޕްޝަން ޕްރޮސިކިއުޓާ ފެބްރީ

ތަހުގީގުކުރާ ފަރާތްތަކުން ވަނީ އެކި ގައުމުތަކުގެ ފައިސާ ހިމެނޭ ގޮތަށް 19 މިލިއަން ޑޮލަރާއި، އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި 74 ކިލޯގްރާމްގެ ރަން އޭނާގެ އަތުން ހިފަހައްޓާފައެވެ.

ހުކުރު ދުވަހު އެތައް ގަޑިއިރެއް ވަންދެން ސުވާލުކުރުމަށްފަހު، ފެބްރީ ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކުރައްވާފައެވެ. ލޯކަލް ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި ގޮތުގައި، އޭނާއަކީ ގަސްތުގައި ކުށްވެރިއެއްގެ ގޮތުގައި ދެއްކުމަށް ބަޔަކު ރާވައިގެން ހިންގާ އަމަލެއްގެ ޝިކާރައަކަށް ވެފައިވާ މީހެކެވެ.

މީގެ އިތުރުން، ފެބްރީގެ ގާނޫނީ ވަކީލު ފެބްރީ ދިޔަންސާ ވިދާޅުވި ގޮތުގައި، އޭނާގެ މުވައްކިލު އުންމީދުކުރައްވަނީ ގާނޫނީ މަރުހަލާ އިންސާފުވެރިކަމާއެކު ކުރިއަށްދާނެ ކަމަށެވެ.

ފެބްރީއާ ދެކޮޅަށް ފުލުހުން ފެށި މި ތަހުގީގު މިހާރު ވަނީ އޭނާ ކުރިން މަސައްކަތްކުރެއްވި އޮފީހުގެ އެންޓި-ކޮރަޕްޝަން ސްޕެޝަލިސްޓުންނާ ހަވާލުކޮށްފައެވެ.