25 Sep 2012, 14:28
ބަހާފައިވާ މއ. އިގުރުގޭގެ ބައެއްގައި އުޅޭ ބަޔަކު އެމީހުންނަށް ލިބިފައިވާ ސަރަހައްދު ފިޔަވައި އެހެން ތަންތަނުގައި އެއްޗިހި ބަހައްޓާތީ ކޯޓު އަމުރެއްގެ ދަށުން އެކަން ހުއްޓުވަން ފުލުހުން މިއަދު އެގެއަށް ގޮސް އެކަން ހުއްޓުވައިފި އެވެ.
ހަތަރު ބަޔަށް ބަހާފައިވާ އެ ގޭގައި ދިރިއުޅޭ ބަޔަކު އެހެން މީހަކަށް ލިބިފައިވާ ބިމުގައި އެއްޗިހި ބަހައްޓާތީ އެ މީހުން އެ މައްސަލަ ސިވިލް ކޯޓަށް ވެއްދުމުން ހުކުމް ކުރީ އެބައިގައި އެއްޗިހި ނުބެހެއްޓޭނެ ކަމަށެވެ. ނަމަވެސް އެއްޗިހި ބަހައްޓަމުން ދިޔަ މީހުން ހުކުމަށް ތަބާނުވުމުން އެތަން ހުސްކުރަން ފުލުހުންގެ މައްޗަށް އެ ކޯޓުން ކުރި އަމުރު ތަންފީޒު ކުރަން ފުލުހުން އެގެއަށް ދިޔައީ މިއަދު ހެނދުނު 10:00 ޖަހާކަށް ހާއިރު އެވެ.
ސަންގެ ނޫސްވެރިން މިއަދު އެ ސަރަހައްދަށް ދިއުމުން އެގޭން ވާހަކަ ދެއްކި މީހަކު ބުނީ އެމީހުން ކޯޓަށް އެ މައްސަލަ ހުށައެޅީ އެމީހުނަށް ލިބިފައިވާ ބައިގައި އެ ގެއާ އިންވެގެން ހުރި ބައިގައި ދިރިއުޅޭ މީހުން ތަކެތި ބަހައްޓައިގެން އުޅެމުންދާތީ އެކަންއެގޮތަށް ނުކުރުމަށް އެންގުމުން ވެސް އެކަން ނުހުއްޓުމުން ކަމަށެވެ.
"މިހާރު ވެގެން މިއުޅޭގޮތަކީ މިގެއަކީ ހަތަރު ބަޔަށް ބަހާފައި ހުރި ގެއެއް. ދެން ކޮންމެ މީހަކަށް ވެސް ލިބިފައިވާ ހިސާބުގައި އެމީހަކު އުޅެން ޖެހޭނީ ދެއްތޯ. ދެން މިބައިމީހުން (މުދާ ބަހައްޓައިގެން އުޅޭމީހުން) ބައިމީހުން ކަންތައްކުރާ ގޮތަކީ އަހަރެމެން ބައިގައި ތަކެތި ބަހައްޓައިގެން އުޅެނީ އަހަރެމެނަށް ފުރުސަތެއް ނުދޭ އަހަރެމެން ބައިގައި އުޅޭކަށް، އެހެންވެ ކޯޓްގައި އެދުނީ އަހަރެމެންގެ ބައިގަ ހުރި އެމީހުންގެ ތަކެތި އެމީހުންގެ ބަޔަށްލުމަށް" ނަން ނުޖެހުމަށް އިގުރުގެ ބެހުމުން އެއިގެން އެއްބަޔަށް ނިސްބަތްވާ މީހަކު ކިޔައިދިނެވެ.
ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން ކޯޓް އަމުރެއްގެ ދަށުން މއ. އިގުރުގެ ހުސްކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެކަމާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދިނެވެ.