މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިން ކަމަށް ބުނެ ހައި ކޯޓްގެ ފަސް މުވައްޒަފެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

މަގާމުގެ ނުފޫޒު ބޭނުން ކުރި ކަމަށް ބުނެ ހައި ކޯޓްގެ ފަސް މުވައްޒަފެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ހައި ކޯޓަށް 10 ކޮންޕިއުޓަރު ގަތުމަށް އިއުލާން ކުރުމުން ބިޑު އިވެލުއޭޝަނުގައި އެންމެ މަތިން މާކްސް ލިބުނު ފަރާތް ނޫން އެހެން ފަރާތަކަށް ބިޑް އެވޯޑް ކުރި މައްސަލައެއްގަ އެވެ.

އޭސީސީގެ ތަހުގީގުން މަގާމުގެ ނުފޫޒު ބޭނުން ކުރި ކަމަށް ސާބިތުވެފައި ވަނީ، އޭސީސީ އިން ބުނި ގޮތުގައި، ހައި ކޯޓްގެ އެގްޒެކެޓިވް ޑިރެކްޓަރު ގ. ފިޔާތޮށިގޭ އިބްރާހިމް ސާބިރާއި ޑެޕިއުޓީ ޑިރެކްޓަރު ޖެނަރަލް މ. ކުންނުމަލާ ފާއިޒާ އިބްރުލް ގާދިރާއި ކޯޓް އޮފިސަރު ގއ. ގެމަނަފުށި މިސްކިތްދޮށުގޭ އަބްދުއްސަލާމާއި އެސިސްޓެންޓް ކޮމްޕިއުޓާ ޓެކްނީޝަން މ. ކޯރަލްޑޭލް އިބްރާހިމް ޝުރައިހް މުހައްމަދާއި ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރު މ. ޕޮލްގަހަވިލާ މުހައްމަދު އަބްދުﷲގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް މައްސަލަ ފޮނުވީ މިދިޔަ އާދީއްދަ ދުވަހު އެވެ.

"ހައި ކޯޓަށް 10 ކޮންޕިއުޓަރު ސިސްޓަމެއް ބޭނުންވެގެން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކުރި އިއުލާނާ ގުޅިގެން ދީދައިވާ މައުލޫމާތު ޝީޓްގައި ޕޮއިންޓް ދޭނެ އުސޫލެއް ބަޔާންކޮށް މައުލޫމާތު ހޯދުމަށް ހާޒިރުވި ފަރާތްތަކަށް އެ މައުލޫމާތު ދީފައިވީ ނަމަވެސް މައުލޫމާތު ކަރުދާހުގައިވާ އުސޫލާ ހިލާފަށް އަދި ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.20 ވަނަ މާއްދާއާ ހިލާފަށް ބިޑު އިވެލުއޭޝަންގައި އެންމެމަތިން މާކްސް ލިބުނުފަރާތް ނޫން އެހެން ފަރާތަކަށް ބިޑް އެވޯޑްކޮށްފައި ވަނީ ވަކިފަރާތަކަށް ނާޖާއިޒު ފައިސާ ލިބޭގޮތަށްކަން ފާހަގަކުރެވިފައިވެ އެވެ،" އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ ހައި ކޯޓަށް ކޮންޕިއުޓަރު ފޯރުކޮށްދިނުމަށް ބުނެފައިވާ މުއްދަތުގައި އެތަކެތި ހަވާލު ކުރެވިފައިނުވެ އެވެ. އަދި އެތަކެތި ހަވާލުކުރަންޖެހޭ މުއްދަތުގައި ތަކެތި ހަވާލު ނުކުރެވިއްޖެނަމަ ޖޫރިމަނާއެއް ނަގަންވާނެ ބުނެފައިވެ އެވެ.

މުއްދަތު ހަމަވިފަހުން ހައި ކޯޓްގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު މުހައްމަދު ބައްދުﷲ އެތަކެއްޗާއި ހަވާލުވެ ޖޫރިމަނާ ނުނަގާނެ ކަމަށް ބުނެ ތަކެއްޗާ ހަވާލުވި ކަމަށް އޭސީސީން ބުންޏެވެ. އަދި އެގޮތަށް ޑެލިވަރީނޯޓްގައި ލިޔެ ސޮއިކޮށްފައި ވާތީ މުހައްމަދު އަބްދުﷲގެ މައްޗަށް މަގާމުގެ ނޫފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން މަސައްކަތް ކުރުމުގެ ކުށުގެ ދައުވާ ކުރަން ޕީޖީ އޮފީހުގައި އެދިފައިވާނެ ކަމަށް އޭސީސީން ބުންޏެވެ.