މީހެއްގެ ކުކުޅު ކޮށިން، ދެ ކުކުޅާއި ހާލެއް ވަގަށް ނެގި ރ. އުނގޫފާރު މީހަކު ޖަލަށް ލާން އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހިނގި މި ހާދިސާއާ ގުޅިގެން އުނގޫފާރު މީހަކާ ދެކޮޅަށް ދައުލަތުން އުފުލާފައި ވަނީ އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާއާ ގުޅިގެން ޝަރިއަތުގައި، ދައުވާ ލިބުނު މީހާ ވަނީ ކުށަށް އިއުތިރާފުވެފައެވެ. އެހެންކަމުން މައްސަލަ ކުރިއަށް ގެންގޮސްފައި ވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.

މި މައްސަލައިގައި ދައުވާ ލިބުނު ފަރާތުން، ކުށަށް އިއުތިރާފުވެ ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމަށް ރިއާޔަތްކޮށް، އެ މީހާގެ މައްޗަށް އިއްވާފައި ވަނީ 20 ދުވަހުގެ ޖަލު ހުކުމެކެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައިވާ ގޮތުން، ދެ ކުކުޅާއި ހާލެއް ވަގަށް ނެގި މި މީހާ ވަނީ އޭގެ ވެރިފަރާތަށް، ގެއްލުމުގެ ބަދަލުގެ ގޮތުގައި 500 ރުފިޔާ ވެސް މިހާރު ދީފައެވެ.