25 Jul 2026, 17:22
ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓާ އޮފް ސްޓޭޓް، އަދި ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ހިޒް ރޯޔަލް ހައިނަސް، ޕްރިންސް ޑރ. މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
އެމަނިކުފާނު ދިވެހިރާއްޖެއަށް މިކުރައްވާ ދަތުރުފުޅަކީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ އިޙްތިފާލުތަކުގެ ޝަރަފުވެރި މެހެމާނުގެ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅެކެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ، ރައީސް މުޢިއްޒުގެ ދަޢުވަތަކަށް، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް، ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ފަރާތްޕުޅުންނެވެ.
ހިޒް ރޯޔަލް ހައިނަސް، ޕްރިންސް ޑރ. މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު މާލެ ވަޑައިގަތުމުން، އެމަނިކުފާނަށް ވަނީ، ރަސްމީ އިއްޒަތުގައި މަރުޙަބާ ދަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސް ވަނީ ޕްރިންސް ޑރ. މަންޞޫރަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެ، މިނިވަން ދުވަހުގެ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުފުޅުކުރެއްވިކަމަށްޓަކައި ސަޢޫދީ ޢަރަބިއްޔާގެ ވެރިންނަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލުމަށް، ވަކިން ޚާއްސަކޮށް ދިވެހި ޙައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ވެދެއްވި އެހީތެރިކަމަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޕްރިންސް ޑރ. މަންޞޫރު ދެއްކެވި ވާހަކަފުޅުގައި، ސަޢުދީ ޢަރަބިއްޔާގެ އިސްވެރިން، ދިވެހިރާއްޖޭގެ ތަރައްގީއާއި ފާގަތިކަމަށް އަބަދުވެސް ދެއްވާ ޚާއްސަ އަހަންމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދެ ގައުމުގެ މެދުގައިވާ ދީނީ އެއްބައިވަންތަކަމާއި، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިހުތިރާމާއި، ހިއްސާކުރާ އާންމު އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ އަޚުވަންތަ ގުޅުމާއި، ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުންނެވެ. މީގެ އިތުރުން ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، އިގްތިސޯދީ ތަރައްގީއާއި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތަކާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.