25 Sep 2012, 13:02
ދިރާގް ދިވެހި ލީގުގެ ތިން ވަނަ ބުރުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ވިކްޓަރީ އަތުން ސަލާމަތްވާން ނިއުރޭޑިއަންޓަށް އުނދަގޫވާނެ ކަމަށް ވިކްޓަރީގެ ހެޑް ކޯޗް އަލީ ސުޒޭން ބުނެފި އެވެ.
ސަން މީޑިއާގުރޫޕްގެ ސަންޓީވީ ޕްލަސް އިން ގެނެސްދޭ ކުޅިވަރު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަމުން ކޯޗް ސުޒޫން ބުނީ، ވިކްޓަރީ އަށް އަމާޒްކޮށް ތަފާތު ވާހަކަތައް މީޑިއާގައި ދެއްކި ކަމުގައި ވިޔަސް، ވޭތުވެދިޔަ 34 އަހަރު ދުވަހުގެތެރޭ އެއްކޯޗެއްގެ އަތުން އެންމެ ގިނައިން ބަލިވި އެއް ޓީމަކީ ނިއުރޭޑިއަންޓު ކަމަށާއި އެހެން ކަމުން ބުރާސްފަތި ދުވަހުގެ ރޭގެ މެޗުން ވިކްޓަރީ ކާރިން ސަލާމަތް ވުމަށް ނިއުއަށް އުނދަގޫވާނެ ކަމަށެވެ.
"އަޅުގަނޑު ކާރިން ނިއުއަށް ސަލާމަތްވާން އުނދަގޫވާނެ. މިހާރު ވެސް ތަފާތު ހިސާބުތަކަށް ބަލާ އިރު ވިކްޓަރީ އަތުން ނިއު ބަލިވި އަދަދު މާގިނަވާނެ. މީޑިއާތަކުގައި ވިކްޓަރީއަށް އަމާޒްކޮށް ނިއުގެ ކޯޗް ވާހަކަ ދެއްކިޔަސް ކުރިއަށް އޮތް މެޗުން ވިކްޓަރީ ބަލިކުރުމަކީ ނިއުއަށް އެހާ ފަށޭހަ ކަމެއް ނޫން،" ރޭގެ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ، މީގެ ކުރިން އެއްވެސް ޑޮރޯއެއް ނެތި ޖެހިޖެހިގެން 13 ފަހަރު ވިކްޓަރީ އަތުން ނިއު ބަލިވެފައިވާ ކަމަށާއި އެހެން ކަމުން ކުރިއަށް އޮތް މެޗަށް ނިއުއާ ދެކޮޅަށް ނިކުންނާނީ ކުރީގެ ތަޖުރިބާގެ އަލީގައި މޮޅެއް ހޯދުމުގެ އުންމީދުގައި ކަމަށެވެ.
"އަހަރެން ސަސްޕެންޑް ކުރުމުން ސީޒަންގެ ކުރީ ކޮޅު ޓީމަށް ވަރަށް ބޮޑެތި ގެއްލުންތަކެއްވި. އެކަމަކު މިހާރު އޭގެ ތަފާތު އެބަފެނޭ. އެންމެ ފަހުން ވެސް ވިކްޓަރީ ކުޅުނު ފަސް މެޗުން ވަނީ 24 ގޯލްޖަހާފައި. މީޑިއާގައި ވިކްޓަރީއަށް އަމާޒްކޮށް ވާހަކަ ދައްކާ އިރު މީގެ ކުރިން ނިއުއަށް ލިބުނު ގޮންޖެހުންތަކަކީ ކޮބާތޯ އެންމެ ފަހަރަކުން ވެސް އެމީހުން ވިސްނައެއް ނުލައި." ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ، ކުރިއަށް އޮތް މެޗުގައި ވިކްޓަރީ ނުކުންނާނީ ނިއު ބަލިކުރަން ކަމަށާއި އެކަން ކޮށްފައި ނޫނީ ހުއްޓާ ނުލާނެ ކަމަށެވެ.
ލީގުގެ ފަހު ބުރުގައި ވިކްޓަރީއާ ދެކޮޅަށް ނިއު ނިކުންނައިރު، ނިއު އޮތީ 40 ޕޮއިންޓާއެކު ލީގުގެ އެއްވަނާގަ އެވެ. އަދި ވިކްޓަރީ އޮތީ 31 ޕޮއިންޓާއެކު ލީގުގެ ތިން ވަނާގަ އެވެ.
ލީގުގައި ވިކްޓަރީ އަށާއި ނިއުއަށް ބަކީ ތިން މެޗް އޮތްއިރު، ކުރިއަށް އޮތް ތިން މެޗުން އެންމެ ދެ ޕޮއިންޓު ނިއުއަށް ލިބުނަށް އެޓީމަށް ލީގު ލިބޭނެ އެވެ. އެހެން ނަމަވެސް ވިކްޓަރީއަކަށް އެފުރުޞަތެއް ނެތެވެ…
ރާއްޖޭގެ އެންމެ ވާދަވެރި ދެ ކްލަބުގެ ކޯޗުންގެ ބަހުގެ ހަމަލާތަކެއް މިހާރު މީޑިއާގައި އަމާޒުވެފައިވާ އިރު، ދިރާގު ދިވެހި ލީގުގެ ފަހުމުގައި މިދެޓީމް އަންނަ ބުރާސްފަތި ދުވަހުގެރޭ ކުލޭ މެޗް ވަރަށް ފޯރިގަދަ ވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ވެސް ބުނެ އެވެ.