07 Sep 2010, 08:36
13:37
ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުން މާލޭގެ 11 ދާއިރާއަށް ބެހުމުގައި ހަމަޖައްސައިދޭނީ މާލޭގައި އެމީހެއް ދިރިއުޅޭ އެޑްރެހަށް ބެލުމަށްފަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ވޯޓާސް އެޑިއުކޭޝަން ޕްރޮގްރާމްގެ ދަށުން ސަންއެފްއެމުން ރޭ ގެނެސްދިން "ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2010" މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ސީނިއަރ އައިޓީ އޮފިސަރ، ރެޖިސްޓްރޭޝަން އައިމިނަތު މަޖްދާ ވިދާޅުވި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ވެސް އެހެން ރަށެއްގައި ހުރެގެން ވޯޓުލެވޭނެ ކަމަށާއި ނަމަވެސް އެ މީހަކަށް ވޯޓު ލެވޭނީ މާލޭގެ އިންތިޚާބީ ދާއިރާ އަކަށް ކަމަށެވެ.
މަޖްދާ ވިދާޅުވީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުން މިހާރު ދިރިއުޅޭ އެޑްރެސް އިލެކްޝަން ކޮމިޝަނަށް އެންގުމުގެ ބޭނުމަކީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އިންތިޚާބީ ދާއިރާ ކަނޑައަޅާނީ އެމީހަކު މާލޭގައި ދިރިއުޅޭ އެޑްރެހަށް ބެލުމަށްފަހު ކަމަށް ވާތީ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުން އެމީހުން މިހާރު ދިރިއުޅޭ އެޑްރެސް މިމަހުގެ 19 ވަނަ ދުވަހުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް އަންގައިދިނުމަށް އެދިފަ އެވެ. އަދި އެކަން އެ ކޮމިޝަނަށް ނާންގާ ފަރާތްތަކުގެ އިންތިޚާބީ ދާއިރާއަށް ވާނީ މިދިޔަ އަހަރުގެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އިންތިޚާބީ ދާއިރާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އަދި އެ އިންތިޚާބުގެ ފަހުން ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މީހެއްނަމަ އެމީހެއްގެ އިންތިޚާބީ ދާއިރާ އެ ކޮމިޝަނުން ކަނޑައަޅާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.