އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ސަރަހައްދީ ހަނގުރާމައިގެ ތެރޭގައި ސައުދީ އަރަބިއްޔާއިން, ޔަމަނުގެ ހޫޘީންގެ ބާރުގެ ދަށުގައިވާ ހުދައިދާއަށް ހަމަލާދީފައިވާ ކަމަށް އެ ޖަމާއަތުގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

ހުކުރު ދުވަހުގެ ރޭ ދަންވަރު ދިން އެ ހަމަލާގެ ރައްދު ހޫޘީން ސައުދީއަށް ދޭނެ ކަމަށް ބެލެވޭ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ހޫޘީންނާ ގުޅުން އޮންނަ އަލް މަސީރާ ޓީވީން ބުނީ ހަމަލާތައް އަމާޒުކޮށްފައިވަނީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީއަށް ނިސްބަތްވާ ފެސިލިޓީތަކަށް ކަމަށެވެ. އެ ޓީވީން ވަނީ ކަމަރަން އައިލެންޑްގައި ވެސް ހަޅުތާލުތަކެއް ހިންގާފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.

ކަމަރަން އައިލެންޑަށް ދިން ހަމަލާގައި މިހާތަނަށް އެއް އަންހެނަކަށް އަނިޔާވެފައިވާކަން އެނގިފައިވާ ކަމަށް އަލް މަސީރާ ޓީވީން ބުނެއެވެ.

ހުދައިދާގެ ބަނދަރުންވެސް ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް ރޮއިޓާސް އިން ރިޕޯޓްކޮށްފައެވެ. ނަމަވެސް ޔަމަނުގައި ސައުދީ އިސްވެ އޮވެ އޮންނަ ކޯލިޝަނުން އެ ބަނދަރަށް ހަމަލާ އަމާޒުކޮށްފައިވާކަން ވަނީ ދޮގުކޮށްފައެވެ.

ބަނދަރު ސިޓީ ހުދައިދާއަކީ ހޫޘީންގެ ބާރުގެ ދަށުގައިވާ ޔަމަނުގެ ސަރަޙައްދުތަކަށް ވަރަށް މުހިންމު ތަނެކެވެ. އެ ސިޓީގެ ބަނދަރަކީ ހޫޘީންގެ ކޮންޓްރޯލް އޮންނަ އުތުރު ޔަމަނަށް ވިޔަފާރި އާއި އިންސާނީ އެހީގެ ގޮތުގައި އެތެރެކުރާ މުދަލުގެ ބޮޑު ބައެއް ގެންނަ ބަނދަރެވެ.

ޔަމަނުގައި ސައުދީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަންގެ ރަސްމީ ތަރުޖަމާނު މޭޖާ ޖެނެރަލް ތުރުކީ އަލް މާލީކީ ވަނީ މި ހާލަތު ގޯސްވުމުގެ ޒިންމާ ހޫޘީންގެ ބޮލުގައި އަޅުވާފައެވެ.

ސައުދީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން ދާނެ ކަމަށާއި، ހޫޘީން ހަމަލާދޭނަމަ، ފަސްޖެހުމެއްނެތި ރައްދު ހަމަލާ ދޭނެ ކަމަށް އަލް މަލީކީ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

ބުދަ ދުވަހު ހޫޘީން–ވަނީ ރަތް ކަނޑުގައި ސައުދީގެ ބައެއް ތެޔޮ ޓޭންކަރުތަކަށް ޑްރޯންއާއި މިސައިލް ހަމަލާދީފައެވެ.

ޔަމަނުގެ ސަރުކާރާއި ސައުދީ އިސްވެ އޮވެ އެ ޤައުމަށް ތާއީދުކުރާ ކޯލިޝަނަކާ ދެކޮޅަށް ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ހަނގުރާމަކޮށްފައިވާ ޔަމަނުގެ ހޫޘީ ޖަމާޢަތުން ވަނީ ޖުލައި 20 ވަނަ ދުވަހު ސައުދީ އަރަބިއްޔާގެ ކަނޑުމަގުތައް ބަންދުކޮށްފައެވެ.

މިއީ އީރާނުގެ މަތިންދާބޯޓެއް ޖެއްސުން ހުއްޓުވުމަށް ޔަމަނުގެ ހޫޘީންގެ ކޮންޓްރޯލް އޮންނަ ސަނާ އެއާޕޯޓަށް ޔަމަނު ސަރުކާރުން ބޮން އެޅުމުން، އަނެއްކާވެސް ހަމަނުޖެހުން ފެށުން ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ސައުދީން ބުނިގޮތުގައި ހަމަލާ ދިނީ ހުއްދަ ނެތި އީރާނުގެ މަތިންދާ ބޯޓު އައުމާ ގުޅިގެންނެވެ.

ހޫޘީންނާއި ސައުދީއާ ދެމެދު ހިނގާ ބަދަލު ހިފުމުގެ ހަމަލާތަކުގެ ނުރައްކާ މި ސަރަހައްދުގައި އިތުރަށް ގޯސްވެ، ރަތް ކަނޑުގެ ދަތުރުތަކަށް ބުރޫ އަރައިފިނަމަ ދުނިޔޭގެ އިގްތިސާދަށް އިތުރު ގެއްލުންތަކެއް ކުރިމަތިވާނެއެވެ.

އިސްރާއީލާއި އެމެރިކާއިން އީރާނަށް ދޭ ހަމަލާތަކުގެ ރައްދުގައި ދުނިޔޭގެ ހަކަތަ ވިޔަފާރީގެ މުހިންމު ހުރްމުޒް ކަނޑުއޮޅިވެސް އީރާނުން ވަނީ ބަންދުކޮށްފައެވެ.