ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޗީފް ޕްރޮސެކިއުޓަރު ކަރީމް ޚާން މަގާމުން ދުރުކުރުމަށް އެ ކޯޓުގެ އެސެމްބްލީ އޮފް ސްޓޭޓްސް ޕާޓީސްއިން ވޯޓު ދީފިއެވެ.

ކަރީމް ޖިންސީ ގޯނާ ކުރި ކަމަށްބުނެ މައްސަލަ ހުށަހެޅި ސާރާ ކިޔާ އަންހެނަކާ ހަވާލާދީ ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކަރީމް ވަނީ އޭނާގެ ގައިގައި އަތްލައި އޭނާ ނިދާފައި އޮތް ކަމަށް ހަދައިގެން އޮތް ވަގުތެއްގައި ނޭދެވޭ ގޮތަކަށް އޭނާގެ ގައިގައި އަތްލާފައެވެ.

އެ މައްސަލައިގެ ތުހުމަތުތައް ފުރަތަމަ ފެންމަތިވީ މީގެ ދެ އަހަރު ކުރިންނެވެ.

އެއަށްފަހު މައްސަލަ ބަލައި، އިއްޔެ ނެގި ވޯޓުގައި 125 މެންބަރުން ގައުމުގެ ތެރެއިން 82 ގައުމުން ވަނީ ކަރީމް މަގާމުން ވަކިކުރަން ވޯޓު ދީފައި ކަމަށް ދަ ގާޑިއަން ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

އައިސީސީން ހުކުރު ދުވަހު ބުނީ ކަރީމްގެ އޮފީހުގައި މިހާރު އިސްކޮށް ތިއްބަވާނީ ޑެޕިއުޓީ ޕްރޮސެކިއުޓަރުން ކަމަށްވާ ނަޒްހަތު ޝަމީން ޚާން އާއި މާމޭ މަންޑިއޭ ނިއަންގް ކަމަށެވެ.

ކަރީމް ވަނީ އެ ތުހުމަތުތައް ދޮގުކޮށް ވޯޓު ދިނުމުގެ މަރުހަލާއަކީ އިޖުރާއީ ގޮތުން އިންސާފުވެރި ނޫން މަރުހަލާއެއް ނޫން ކަމަށް ބުނެފައެވެ.

ކަރީމްގެ ފަރާތުން ތުހުމަތުތައް ދޮގުކޮށްފައިވާއިރު އޭނާގެ ގާނޫނީ ޓީމުން ވަނީ އެއީ "ސިޔާސީ ވިސްނުމެއްގައި" އެޅި ފިޔަވަޅުތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އެގޮތުން އިއްޔެ ވޯޓު ނަގައިފައި ވަނީ، 2024 ވަނަ އަހަރު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ އޭރުގެ ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރު ކަރީމް ނެރުމުން އެމެރިކާ އާއި އިސްރާއީލުގެ ފާޑުކިޔުންތައް އައިސީސީއަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައިކަން ބައެއް މީހުން ފާހަގަކޮށްފައިވެއެވެ.

ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކަރީމް އާއި އައިސީސީގެ އެހެން ބައެއް އޮފިޝަލުންނާއި ފަނޑިޔާރުންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.