ޒުވާނުން ބާރުވެރިކުރުވުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެއްވާ އެއް ދާއިރާ ކަމަށާއި، މިކަން ހާސިލުކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ރަނގަޅު ނަތީޖާ ފެންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިޢުކުރައްވާ ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް" ގެ ފަސް ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ޒުވާނުންނަކީ ގައުމު ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ މުހިންމު ހިއްސާ ކަމަށެވެ. އަދި އިގްތިސާދީ އަދި ތަޢުލީމީ ދާއިރާގެ ތެރެއިން ޒުވާނުން ކުރިއެރުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ރައީސް ވަނީ އަލިއަޅުއްވާލައްވައިފައެވެ.

އެގޮތުން ވިޔަފާރީގެ ތެރޭގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށްޓަކައި ތައާރަފުކުރާ ލޯން ސްކީމްތަކާއި، ޕްރައިވެޓް ސެކްޓަރުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް ރަނގަޅު އާމްދަނީއެއް ލިބޭނެ މަގު ފަހިކޮށްދެއްވުމަށް ސަރުކާރުން އަޅުއްވާ ފިޔަވަޅުތައް އެމަނިކުފާނު ތަފްސީލުކޮށްދެއްވިއެވެ.

ހަމައެއާއެކު ހަށިހެޔޮ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ފަހި ފުރުސަތުތައް މީގެ ކުރިން ރާއްޖެ ދެކެފައި ނުވާ މިންވަރަށް ތަރައްގީކޮށްދެއްވުމަށް މަސައްކަތް ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

މިފަދަ މަޝްރޫޢުތަކަކީ ހަމައެކަނި މާލެއަށް ޚާއްސަ ކަމަކަށް ވުމުގެ ބަދަލުގައި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ގާއިމުކުރެވެމުންދާ ޚިދުމަތްތަކެއްކަން ފާހަގަކުރައްވަމުން، 2028 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ ހިސާބަށް ދެވޭއިރު މި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

"އަމަލީ މަސައްކަތްތައް އެދަނީ ކުރިއަށް. ބައެއް ރަށްރަށުގައި ނިމެމުންވެސް އެބަދޭ. އަންނަ އަހަރު ނިމޭއިރު އިރާދަކުރެއްވިއްޔާ ހުރިހާ ރަށެއްވެސް ނިމޭނެ" ރައީސް ވިދާޅުވިއެވެ.

ޖިސްމާނީ ދުޅަހެޔޮކަމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަކީ ދިރިއުޅުމުގެ އެތައް ހާލަތަކާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޒުވާނުންނަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ބައެއްކަން ކަށަވަރުކުރުމަށްޓަކައި ވަށާޖެހޭ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުންދާ ކަމަށެވެ.

މީގެ އިތުރުން، ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ސަބަބުން ޒުވާނުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން، މިކަމަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް ނިމެމުންދާކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވާހަކަފުޅު ނިންމަވާލެއްވީ ޒުވާނުން ކުރިއަރާ ދިއުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ގިރާކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.