25 Sep 2012, 12:54
ގައުމީ މަސްކުންފުނި، މިފްކޯގެ މެނޭޖިން ޑިރެކްޓަރާއި އެ ބޯޑުގެ އިތުރު ދެ މެންބަރަކު ހިޔާނާތުގެ މައްސަލަ އަކަށް ތުހުމަތުކޮށް، ކުއްލި ގޮތަކަށް ބޯޑުން ވަކިކޮށްފި އެވެ.
މަގާމުން މިހާރު ވަކިކޮށްފައިވާ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓާ ހަސަން ޝާފިއު މިއަދު ސަން އޮންލައިން އަށް ވިދާޅުވީ އޭނާ ބޯޑުން ވަކިކުރީ މިދިޔަ އާދިއްތަ ދުވަހު ކުއްލި ގޮތަކަށް ރައީސް އޮފީހުން ފޮނުވި ސިޓީއަކުން ކަމަށާއި އޭނާއާ އެކު ބޯޑުގެ ދެ މެންބަރުން ކަމަށްވާ އަލީ ސައިފުއްދީނާއި މުހަންމަދު ވަޖީހު ވެސް ވަޒީފާ އިން ވަކިކުރި ކަމަށެވެ.
"އަޅުގަނޑު މިހުރީ ހައިރާންވެފައި، އެ ސިޓީގައި ވެސް ސަބަބެއް ނެތް، އަޅުގަނޑުގެ ހިދުމަތައް ޝުކުރު ދަންނަވާ ކަމަށް އޮތީ، އަޅުގަނޑު މިދަނީ އެ ސަބަބު އޮޅުން ފިލުވަން މަސައްކަތް ކުރަމުން،" ޝާފިއު ވިދާޅުވި އެވެ.
އެމްޑީ ޝާފިއު އާއި އިތުރު ދެ މެންބަރަކު ވަކިކޮށްފައިވާ ކަން މިފްކޯ އިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
ޝާފިއު ބުނީ އޭނާ އާއި އެހެން ދެ މެންބަރުން ވެސް ވަޒީފާ އިން ވަކިކުރީ ބައުންސް ޗެކްތަކަކަށް މިފްކޯ އިން މުދާ ދޫކުރި ކަމަށް ބުނެ މީޑިއާ އަކުން ފޮނުވި ހަބަރަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބޭ ކަމަށާއި ނަމަވެސް އެ ކުންފުނިން މުދާ ދޫކޮށްފައި އޮންނާނީ އޮންނަ އުސޫލުގެ ދަށުން ކަމަށެވެ.
"އެއީ އަޅުގަނޑަށް އިވިފައިވާ އަޑެއް، އެކަމަކު އެއީ ތެދު ވާހަކައެއް ނޫން، އަޅުގަނޑު ނޫނީ ބޯޑު މެންބަރަކު ކުރާނެ ކަމެއް ނޫން މުދާ ދޫކޮށް ޗެކް ބަލައި ގަތުމަކީ، އަޅުގަނޑު އެކަމުގައި ވެސް އަންގާފައި އޮންނާނީ އޮންނަ ޕްރޮސީޖާގެ ތެރެއިން އެކަން ކުރަން. ދެން އެއީ މުވައްޒަފުންގެ ކަމެއް ޗެންކް ބައުންސްވުމާއި ނުވޭތޯ ބަލައި އެކަން ޗެކްކުރުން،" ޝާފިއު ވިދާޅުވި އެވެ.
އެ ކުންފުނީގެ ބޯޑުން ވަކި ކުރި އަލީ ސައިފުއްދީނު ވެސް މިއަދު ވިދާޅުވީ އެ ބޭފުޅުން ނަންގަވާފައި އޮންނާނީ ކަލެކްޓިވް ޑެސިޝަންތައް ކަމަށާއި ކަންކަން ނިންމާފައި ވާނީ ވެސް އެގޮތަށް ކަމަށެވެ. އަދި ވިދާޅުވީ އެ ބޭފުޅުންގެ މަސްލަހަތު އޮންނަ އެއް ވެސް ކުންފުންޏެއް ނޯންނާނެ ކަމަށެވެ. އަދި ވަޖީހު ވެސް ވިދާޅުވީ އޭނާގެ މަސްލަހަތު އޮންނަ ކުންފުންޏަކާ އެކު ވެސް ހަދާފައިވާ "ޑީލެއް" ނޯންނާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ އެ ތިން ބޭފުޅުން ވެސް ބޯޑުން ވަކިކުރީ އެ ބޭފުޅުންނާ މެދު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމުން ކަމަށާއި އެފަދަ މައްސަލައެއް ބަލަމުންދާ ދަނޑިވަޅެއްގައި އެ މަގާމުގައި އެބޭފުޅުން ތިއްބެވުމަކީ ރަނގަޅު ކަމެއް ކަމަށް ސަރުކާރުން ނުދެކޭތީ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ ބޯޑުގެ މެންބަރުންތަކެއްގެ ކިބައިން އެފަދަ މައްސަލައެއް ފެންމަތިވީތީ ހިތާމަކުރައްވާ ކަމަށެވެ.
"މި ސަރުކާރުގެ ސިޔާސަތަކީ ކޮރަޕްޝަނަށް ޖާގަނުދިނުން، އެބޭފުޅުންގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނާ ގުޅިގެން އެބޭފުޅުން ވެސް އެ ވަކި ކުރެއްވީ އެ ޕޮލިސީގެ ދަށުން، ސަރުކާރުން ކޮރަޕްޝަނަށް ޖާގައެއް ނުދޭނަން،" އައްބާސް ވިދާޅުވި އެވެ.
ނަމަވެސް ޝާފިއު އެކަން ދިފާއުކުރައްވާ ވިދާޅުވީ އެއީ "ސިޔާސީ އޮއިވަރެއްގައި އޭނާޔާ މެދު" އެޅި ފިޔަވަޅެއްކަން ގަބޫލުކުރައްވާ ކަމަށެވެ. ދެން ބޯޑުން ވަކިކުރެއްވި އެހެން މެންބަރުން ވެސް ވިދާޅުވީ އެފަދަ އިބާރާތްތަކެކެވެ.
ސަން އޮންލައިން އަށް އެނގިފައިވާ ގޮތުގައި އޭސީސީން ވެސް ބަލަމުންގެންދާ، މިފްކޯގެ އެ މައްސަލައަކީ އެ އިން ބައެއް ބޭފުޅުންގެ މަސްލަހަތު އޮންނަ ކުންފުނިތަކަކުން ހުށަހެޅި ބައުންސްޗެކްތަކަކަށް މަސްދަޅުތަކެއް ދޫކުރި ކަމަށް ބުނާ މައްސަލައެކެވެ.
މިފްކޯގެ ކޮރަޕްޝަންގެ އެ މައްސަލަ ފެންމަތިވެ ތިން މެންބަރުން ބޯޑުން ވަކި ކުރިއިރު ފެލިވަރުގެ މެނޭޖިން ޑިރެކްޓާ، މުހަންމަދު އިމްތިޔާޒު (އިންތި)ގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ވެސް އޭސީސީން އަންނަނީ ބަލަމުންނެވެ.