ބަނގުރާ ވިއްކައި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް އެކަކުން ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި އޮޕަރޭޝަނަކީ ފުލުހުންގެ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެކެވެ.

މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 26 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށްވާ ދިނެޝް ކުމާރު މުރްގެސަންއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މަގުމަތިން ހުއްޓުވައި ބަލައި ފާސްކުރުމަށް ފަހުގައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ހުޅުމާލެ ފޭސް އެކެއްގެ ދިއްގާމަގުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 18 ފުޅި ފެނިފައިވެއެވެ.

މީގެ އިތުރުން، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި އިތުރު 53 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ތިން ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައިއެވެ.

ބަނގުރަލުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލޭން މީހަކު ހައްޔަރުކޮށްފައިވާއިރު، މީގެ އެއްދޔ ވަސް ކުރިން ވެސް ހުޅުމާލެއިން ވަނީ ޖުމްލަ 24 ދަޅު ބަނގުރަލާއެކު ޒުވާނަކު ހައްޔަރުކޮށްފިއެވެ.

މީގެ އިތުރުން މިމަހުގެ 14 ވަނަ ދުވަހު ގަވައިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 12 ފުޅި ރަލާއި އެކު ބަންގްލަދޭޝްގެ ދެ މީހަކު ވެސް ހައްޔަރުކޮށްފައިވެއެވެ.

ރާއްޖޭގައި ބަނގުރަލުގެ ވިޔަފާރިކުރާ ބިދޭސީންގެ އަދަދު ފަހަކަށް އައިސް އަންނަނީ އިތުރުވުމުންނެވެ. މިއީ ސަލާމަތާއި އިގްތިސާދަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ކަމާބެހޭ އިދާރާތަކުން ފާހަގަކުރެއެވެ.

މަސްތުވާތަކެތީގެ މައްސަލަތަށް އިތުރުވަމުން އަންނައިރު، މިކަން ހުއްޓުވުމަށްޓަކައި ދައުލަތުންނާއި ފުލުހުން ދަނީ ހާއްސަ އޮޕަރޭޝަންތައް ހިންގައި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށް ބްލެކްލިސްޓް ކުރަމުންނެވެ.

މީގެ އިތުރުން، ބޯޑަރު ސެކިއުރިޓީ ވަރުގަދަކުރުމާއި، ގަވާޢިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތްތައް އިމިގްރޭޝަނާއި ގުޅިގެން ދަނީ ހަރުދަނާ ކުރަމުންނެވެ.