ސަޢާދަތު ޙަސަން މެންޓޯ އަކީ އިންޑިއާގެ ވަރަށް މަޝްހޫރު ކުރު ވާހަކަ ލިޔުންތެރިއެކެވެ. އޭނާ ބޮޑަށް މަޝްހޫރު ވެފައި ވަނީ "ފާޙިޝް ލިޔުންތެރިޔާ" ގެ ނަމުންނެވެ. އެއީ އޭނާގެ ވާހަކަ ތަކުގައި އިންޑިއާގެ މުޖުތަމަޢުގެ ފަރުދާގެ ފުރަގަހުގައި ހިނގާ ވިޔާނުދާ ކަންތައްތައް ހާމަކޮށް ދެއްވާތީއެވެ. އޭނާ ލިޔުއްވި ވަރަށް ރީތި ކުރު ވާހަކައެއްގައި ވާ ގޮތް ދަންނަވައިލާނަމެވެ.

ދުވަސްވަރަކީ އިންޑިއާ އާ ވަކި ވެގެން އާ ޤައުމެއްގެ ގޮތުގައި ޕާކިސްތާނު އުފެދުނު ފަހުން އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކުރެވުނު ހަނގުރާމައެއްގެ ދުވަސްވަރެވެ. ދެ ފަރާތުގައި ދެ ޤައުމުގެ ލަޝްކަރު އޮވެގެން ޙަމަލާ ބަދަލު ކުރަމުން ދަނީއެވެ. ބައެއް ފަހަރަށް ވަކި އަމާޒެއް ނެތި ކޮންމެ ފަރާތަކުންވެސް ދުޝްމަނުންނާ ދިމާއަށް ބަޑި ޖަހަނީއެވެ. ދަނީ ލައްވައިލާ ފަހަރާއި، ލައްވައިނުލާ ފަހަރެވެ.
ހަނގުރާމަ ހިނގަމުން ދަނިކޮށް، މައިދާނުގެ މެދަށް މީހަކު ނުކުމެއްޖެއެވެ. އެޔާއެކު ދެ ފަރާތުންވެސް ބަޑި ޖަހައިގަތީ ވަކި ވަރެއް ބަލައިގެންނެއް ނޫނެވެ. އިސާހިތަކު އެއްކަލަ މީހާ މަރު ވެގެން ވެއްޓިއްޖެއެވެ.
އެޔާއެކު އެއްކޮޅުގައި ތިބި ހަނގުރާމަވެރިންގެ ތެރެއިން މީހަކު ވަރަށް ބާރަށް ގޮވައިލީ އަޑު އިވުނެވެ. "ދުޝްމަނުންގެ ކުއްތާއެއް މަރު ވެއްޖެއެވެ."
އަނެއް ކޮޅުގައި ތިބި ހަނގުރާމަވެރިންގެ ތެރެއިން ގޮވައިލީ އަޑު އިވުނެވެ. "އަހަރެމެންގެ ހިތްވަރު ގަދަ މުޖާހިދަކު ޝަހީދު ވެއްޖެއެވެ."

ނިކަން ވިސްނާވަޑައިގެން ބައްލަވާށެވެ. މަރު ވެގެން ވެއްޓުނީ އެންމެ މީހެކެވެ. އެކަމަކު އެ މީހާ އަށް ދެ ފަރާތުން ދިނީ މުޅީން ތަފާތު ދެ ނަމެކެވެ. އެއް ބަޔަކަށް އޭނާ ވެގެން ދިޔައީ މުޖާހިދަކަށެވެ. އަނެއް ބަޔަކަށް ކުއްތާ އަކަށެވެ.

އަޅުގަނޑުމެންގެ ސިޔާސީ ކަންތައްތައްވެސް އޮތީ މި ކަހަލަ ގޮތަކަށެވެ. ސިޔާސީ ޕާޓީތައް ހެދި، ޚިޔާލު ތަފާތު ވުން އުފެދުމާ އެކު ބައެއް މީހުން ޖަނަވާރަށް، އަނެއް ބަޔަކު ބަޠަލުންނަށް ވެގެން ހިނގައްޖެއެވެ. އެކަމަކު އަޅުގަނޑުމެންގެ ފުރަތަމަ ހައިސިއްޔަތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެންމެންނަކީ މުސްލިމުންނެވެ. ދިވެހިންނެވެ. އެއް ލެޔެއް ހިނގާ، އެއް ނަސްލެއްގެ ބައެކެވެ.

ބައެއް ޤައުމުތަކުގައި ޚިޔާލު ތަފާތު ވުމާއެކު ހަތުރުވެރިކަން އުފެދެނީ ދީނީ ގޮތުންވެސް ތަފާތު ބައެއްގެ މެދުގައެވެ. ނުވަތަ ނަސްލުގެ ގޮތުން ތަފާތު ބައެއްގެ މެދުގައެވެ. އެކަމަކު އަޅުގަނޑުމެންގެ ތެރޭގައި ދެކޮޅުވެރިކަން އުފެދި، އެއް ބަޔަކު އަނެއް ބަޔަކު ކަތިލާ ހިސާބަށް ދަނީ މި ފަދަ އެއްވެސް ތަފާތެއް އޮވެގެންނެއް ނޫނެވެ. ހަމަ އެކަނި ސިޔާސީ ވިސްނުން ތަފާތު ވީމައެވެ.

އަޅުގަނޑުގެ ވަރަށް ގާތް ބޭފުޅުން ސިޔާސީ ޕާޓީތަކުގެ އިސް މަގާމު ތަކުގައި އެބަ ތިއްބެވިއެވެ. އޭގެ ތެރެއިން އެއް ބޭފުޅަކު އެއް ދުވަހަކު އަޅުގަނޑާ ސުވާލު ކުރެއްވިއެވެ. "(ކޮންމެވެސް ނަމެއް ވިދާޅުވެފައި) އަކީ ދީނުން ބޭރު ވެފައިވާ، ޚާއިނެއް ކަމަށް ކަލޭ ގަބޫލު ކުރަން ހެއްޔެވެ؟" ގަބޫލެއް ނުކުރަމޭ އަޅުގަނޑު ދެންނެވީމާ ވިދާޅު ވިއެވެ. "އެހެން ވެއްޖެއްޔާ ކަލެއަކީ ޚިޔާނާތްތެރި އެކެވެ. ކޮންމެ ޚިޔާނާތްތެރިއަކީ އަހަރެންގެ ދުޝްމިނެކެވެ."

މިއީ ބައެއް ފަހަރަށް ކަންތައް ވާ ގޮތެވެ. އަޅުގަނޑު ގަބޫލު ކުރާ ކަމެއްގެ ސަބަބުން އޭނާގެ ދުޝްމިނަކަށް އަޅުގަނޑު ވީއެވެ. އެކަމަކު އަޅުގަނޑުމެންނަކީ ބުދަށް އަޅުކަން ކުރާ މީހުންގެވެސް ރަޙްމަތްތެރިންނެވެ. އެ މީހުން ގަބޫލު ކުރާ ހަމަތައް އަޅުގަނޑުމެން ގަބޫލު ކުރާ ހަމަތަކާ ކިތަންމެ ބޮޑަށް ތަފާތު ވިޔަސް އަޅުގަނޑުމެންނަކަށް މައްސަލަ އަކަށް ނުވެއެވެ.

ސިޔާސީ ފިކުރުގެ ސަބަބުން މިހައި ބޮޑު ދެކޮޅުވެރިކަމެއް އަޅުގަނޑުމެންގެ ތެރެއަށް ފެތުރުނީ ކީއްވެގެންތޯއެވެ؟ މީގެ ކުރީން އަޅުގަނޑު ލިޔުނު ލިޔުމެއްގައި ބަޔާން ކޮށްފައިވާ ފަދައިން މިއީ އަޅުގަނޑުމެން އާދައިގެ ރައްޔިތުން ކޮށްގެން އުޅޭ ކަމެއް ނޫނެވެ. މިއީ އަޅުގަނޑުމެންގެ މަތީގައި އުޅޭ ދޮޅަހަކަށް މީހުންގެ މީހުންގެ "މަސައްކަތުން" ވެގެން އުޅޭ ގޮތެކެވެ.

މި ކޮލަމް ލިޔުނު އިރު އަޅުގަނޑުމެންގެ އުޚުތު ޖެނިފަރ ލަޠީފް ފޭސްބުކްގައި ލިޔެފައިވާ ޢިބާރާތްކޮޅެއްގެ ޚުލާސާއެއް ދަންނަވައިލާނަމެވެ.
"ކޮންމެ ދުވަހެއް ފާއިތު ވެގެން ދަނީ ދިވެއްސަކަށް ވީތީ އަހަރެން ފަޚުރުވެރިވާ ވުން، ކުޑަކޮށްދޭ ކަމަކާ އެކީގައެވެ. އަހަރެންގެ ރޫޙް ގުޅިފައި ވަނީ ރާއްޖެޔާއެވެ. އެހެން ނަމަވެސް ރާއްޖޭގެ ލޮބުވެތި، ނިޔަނެތި ގޮތްގަނޑު މަޑުމަޑުން މަރުވަމުން ދަނީއެވެ. ނަފްރަތާއި، ޖަހާލަތާއި، އަނިޔާއާއި، ކިބުރުވެރިކަމާއި، މޮޔަކަމުގެ ބާރުގަދަ ވަމުން ދަނީއެވެ. ރާއްޖެ އެހެން ގޮތަކަށް ބަދަލު ވަމުން ދަނީއެވެ.
ރާއްޖެ މަޑުމަޑުން ޤަތުލު ކުރަމުން ދަނީއެވެ.
މަންފާ ލިބެނީ ކާކަށް ހެއްޔެވެ؟ ހަމަ ގައިމުވެސް އާދައިގެ ރައްޔިތުންނަކަށް ނޫނެވެ. އެކަމަކުވެސް އަޅުގަނޑުމެންގެ ލޮބުވެތި ރާއްޖެ ޤަތުލު ކުރުން ހުއްޓައިލާކަށް އެކަކުވެސް ނޫޅެއެވެ. މީހުން އެތިބަ އުޅެނީ އަމިއްލަ ފައިދާއަށްޓަކައި ކުރާ ހަނގުރާމައިގައި އަވަދި ނެތިއެވެ. ދީނީ ކަމަކަށް ވިޔަސް، ސިޔާސީ ކަމަކަށް ވިޔަސް، އިޤްތިޞާދީ ކަމަކަށް ވިޔަސް، ކަންތައް އޮތީ ހަމަ މިހެންނެވެ.
ވިސްނާށެވެ!"

އާދެ، ޖެނިފަރގެ މި ކަންބޮޑު ވުމަކީ އަޅުގަނޑުމެން އެންމެންގެވެސް ކަންބޮޑު ވުމެވެ. ރުޅިވެރިކަމާއި، ދެކޮޅުވެރިކަމުގެ ހަނގުރާމައިގައި އަޅުގަނޑުމެން ނެތިގެން، ފަނާ ވެގެން ދަނީއެވެ. ޚިޔާލު ފާޅު ކުރުމުގެ ނަމުގައި އެކަކު އަނެކަކަށް ކަތިލައި، ކޮށައި ކުދި ކުރަނީއެވެ. އާދައިގެ މީސްމީހުން ލައްވައި ނަފްރަތުގެ ކުޅިގަނޑު ކުޅުވާ ބޮޑުން، ހެނީއެވެ. އެމީސްމީހުން އުސް ގޮނޑިގޮނޑީގައި ތިބެގެން އަޅުގަނޑުމެން އެއްބައެއްގެ ގޮތުގައި ދިރިއުޅެމުން އައި އިންސާނުން ބައިބައިކޮށް، އެއް ބަޔަކު ކުއްތާއަށް އަނެއް ބަޔަކު މުޖާހިދުންނަށް ހަދައިފިއެވެ. ހަމައެކަނި އެ މީހުންގެ ބޭނުމެއް ފުއްދާށެވެ.

އެކަމަކު އަދިވެސް އަޅުގަނޑުމެން ހޭލާކަށް ބޭނުމެއް ނުވެއެވެ. އަޅުގަނޑުމެން ދެކެ ލޯބިން ކަމަށް ބުނަމުން، އަޅުގަނޑުމެން ލައްވައި އަޅުގަނޑުމެންގެ ޤައުމު ހަލާކު ކުރުވަމުން ހިނގާ ލީޑަރުންގެ ފަހަތުން ހަމަ ހިނގަނީއެވެ. ކަލޭގެ ގޭގައި މި ރޯ ކުރަނީ ކަލެއަށް ރަނގަޅަކަށޭ ބުނީމާ އެ ވާހަކަވެސް ގަބޫލު ކުރަނީއެވެ. އެއްބަނޑު އެއްބަފާ މީހާގެ ގަޔަށް ބޮލަށް އަރައިގަންނާށޭ ބުނީމާވެސް އެއްވެސް ޖެހިލުމެއް ނެތި އަރައިގަންނަނީއެވެ.

އަޅުގަނޑުމެން ބޭނުންވަނީ ވަކި ބަޔަކަށްޓަކައި މުޖާހިދުންނަށް ވާންތޯއެވެ؟ ޤައުމަށްޓަކައި ޖިހާދުކޮށް، މުޖާހިދެއްގެ ނަން ލިބިގަންނާންތޯއެވެ؟ ދީނަށްޓަކައި ޖިހާދުކޮށް، މުޖާހިދަކަށް ވާންތޯއެވެ؟ އަޅުގަނޑުމެން ބޭނުން ވަނީ އެއް ގޭ ތެރޭގައި ކުއްތާއާއި މުޖާހިދުން އުޅޭ ފަދަ ވިޔާނުދާ މުޖުތަމަޢެއްތޯއެވެ؟ އަޅުގަނޑުމެންގެ ދަރިންނަށްޓަކައި އަޅުގަނޑުމެން ދޫކުރަން ބޭނުންވާ ނަމޫނާއަކީ ކޮބައިތޯއެވެ؟