އިންޑިއާގެ ދަރިވަރުން ކުރަމުންދާ އިހުތިޖާޖުތައް ހުއްޓާލުމަށް ސަލްމާން އެދިއްޖެ
އިންޑިއާގެ ދަރިވަރުން ކުރަމުންދާ އިހުތިޖާޖުތައް ހުއްޓާލުމަށް ސަލްމާން އެދިއްޖެ

އިންޑިއާގެ "ނީޓް" އިމްތިހާނުގެ ކަރުދާސް ލީކުވި މައްސަލައިގައި ކުރިއަށްގެންދާ މުޒާހަރާތަކަށް ތާއީދުކުރާކަން ހާމަކުރިތާ އެއްދުވަސް ފަހުން، އެ ހަރަކާތްތައް ހުއްޓާލުމަށް ބޮލީވުޑްގެ މަގުބޫލު އެކްޓަރު ސަލްމާން ޚާން ދަރިވަރުންގެ ކިބައިން އެދެފިއެވެ.

ސަލްމާން ބުނެފައިވަނީ "ނީޓް" އިމްތިހާނުގެ ކަރުދާސް ލީކުވި މައްސަލައިގައި ޒިންމާވާ ފަރާތްތަކާ މެދު ސަރުކާރުން ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ދަރިވަރުން ކުރިއަށްގެންދާ އިހުތިޖާޖުތައް ނިމުމަކަށް ގެނެސް އެނބުރި ގެއަށް ދިއުމަށް އެކްޓަރު ވަނީ އެދިފައެވެ.

ސަލްމާން ބުނީ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިކަމުގައި އިންސާފު ގާއިމުކޮށްދެއްވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. މީގެ އިތުރުން، މި މުޒާހަރާގެ ބައިވެރިއެއް ކަމުގައިވާ އެކްޓިވިސްޓް ސޯނަމް ވަންގްޗުކް ކުރިއަށްގެންދާ ބަނޑުހައިހޫނުމުގެ ހަޅުތާލު ވެސް ނިންމާލުމަށް ސަލްމާން ވަނީ އެދިފައެވެ.

ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި އާންމުކުރި މެސެޖެއްގައި ސަލްމާން ބުނީ، ދަރިވަރުންގެ ތައުލީމާއި ރައްކާތެރިކަމަށް މިވަގުތު އިސްކަންދޭންޖެހޭ ކަމަށެވެ.

"ދަރިވަރުންގެ ތައުލީމާއި ސަލާމަތަކީ އެންމެ އިސްކަންދޭންޖެހޭ ކަންތައް. އެހެންކަމުން ދަރިވަރުންނާއި އެކުދިންގެ މައިންބަފައިން ކަންބޮޑުވާން ނުޖެހޭނެ. ޤައުމުގެ ބޮޑުވަޒީރު މިކަމާ ގުޅޭގޮތުން ޓްވީޓް ކުރައްވާފައިވާތީ، ކަރުދާސް ލީކުކުރި ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން އެބައޮތް. އެހެންކަމުން ހުރިހާ ދަރިވަރުން ވެސް އެނބުރި ގެއަށް، މައިންބަފައިންގެ ގާތަށް ދިއުމަށް އެދެން،" ސަލްމާން ލިޔެފައިވެއެވެ.

އިންޑިއާގެ ކުރީގެ ބަތަލާ ޝަބާނާ އަޒްމީ މުޒާހަރާގެ ބައިވެރިންނާ ބައްދަލުކުރަނީ--ފޮޓޯ/އެންޑީޓީވީ

މީގެ އިތުރުން ދަރިވަރުންނަށް ތާއީދުކޮށް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާ ސޯނަމް ވަންގްޗުކްއާ މުހާތަބުކޮށް ސަލްމާން ބުނީ، ދަރިވަރުންނަށްޓަކައި ސޯނަމް، ކުރިއަށްގެންދާ ބަނޑުހައިހޫނުކަމުގެ ހަޅުތާލުވެސް އިތުރަށް ދިގުނުދަންމާ ނިންމާލުމަށެވެ.

އޭނާ ކުރި ހިތްވަރަށް ތައުރީފު ކުރަމުން އެކްޓަރު ބުނީ، ބޭނުންވެއްޖެ ހާލަތެއްގައި އެ ދެއްކި ހިތްވަރު އެފަދަ އެހެން ދުވަހަކަށް ރައްކާކުރުމަށްފަހު ކޮންމެވެސް އެއްޗެއް ކެއުމަށް ސަލްމާން ވަނީ ސޯނަމްގެ ކިބައިން އެދިފައެވެ. އަދި ބޭނުންނަމަ ސަލްމާންގެ ގޭގައި ތައްޔާރުކުރާ ކެއުންވެސް ސޯނަމްއަށް ފޮނުވަން ތައްޔާރަށްހުރި ކަމަށް އެކްޓަރު ބުނެފައިވެއެވެ.

މި އިލްތިމާސް ސަލްމާން ކުރީ، އިމްތިހާނުގެ ކަރުދާސް ލީކުވުމަކީ "ބޮޑު މައްސަލައެއް" ކަމަށް ބުނެ، ރަނގަޅު ތައުލީމީ ނިޒާމަކަށްޓަކައި ދަރިވަރުން ކުރަމުންދާ މަސައްކަތަށް ތައުރީފުކޮށް ވާހަކަދެއްކިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.

ސަލްމާން ކުރިން ބުނެފައިވަނީ، ދަރިވަރުން ކުރިއަށްގެންދިޔަ ސުލްހަވެރި ހަރަކާތް ހަމަނުޖެހުމަކަށް ބަދަލުވުމުން ހިތާމަކުރާ ކަމަށާއި، ކިޔެވުމަށާއި ގައުމުގެ މުސްތަގުބަލަށްޓަކައި ދަރިވަރުން ދެއްކި ހިތްވަރަށް ފަޚުރުވެރިވާ ކަމަށެވެ.

ނަމަވެސް، މި މައްސަލައަކީ ދަރިވަރުންނާއި ތައުލީމީ ނިޒާމާ ދެމެދު އޮތް ކަމަކަށްވާތީ، މީގެ ތެރެއަށް ސިޔާސީ ނުފޫޒު ނުވެއްދުމަށް އޭނާ ބާރުއެޅިއެވެ. ސަލްމާންގެ އުއްމީދަކީ އިންޑިއާއަކީ މުޅި ދުނިޔެއިން މީހުން ކިޔަވަން އަންނަ ތައުލީމީ މަރުކަޒަކަށް ވުމެވެ.

ސީޖޭޕީއިން އިސްނަގައިގެން ކުރިއަށްގެންދާ މި މުޒާހަރާތަކަށް މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ދަރިވަރުން ތުހުމަތުކުރަނީ "ނީޓް" އިމްތިހާނުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށެވެ. އެމީހުން ދަނީ ތައުލީމީ ވަޒީރު ދަރުމެންދުރަ ޕްރަދާންގެ އިސްތިއުފާއަށް ގޮވަމުންނެވެ.

ސަލްމާންގެ އިތުރުން، ކަރީނާ ކަޕޫރު، ވަރުން ދަވަން، އާލިއާ ބަޓް، އަދި ނަސީރުއްދީން ޝާހު ފަދަ ބޮލީވުޑްގެ ގިނަ ފަންނާނުންތަކެއް ވަނީ ދަރިވަރުންނަށް ތާއީދުކޮށް ވާހަކަދައްކާފައެވެ. އަދި ޝަބާނާ އަޒްމީ އާއި ޕްރަކާޝް ރާޖް ފަދަ ފަންނާނުން ވަނީ އަމަލީގޮތުން މި މުޒާހަރާގައި ބައިވެރިވެފައެވެ.