ސަލްމާންގެ ފިލްމު 'މާތުރޫބޫމީ' މި އަހަރު ރިލީޒްކުރާނެކަމުގެ އިޝާރާތެއް
ސަލްމާންގެ ފިލްމު 'މާތުރޫބޫމީ' މި އަހަރު ރިލީޒްކުރާނެކަމުގެ އިޝާރާތެއް

ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާންގެ އާ ފިލްމު "މާތުރޫބޫމީ" ރިލީޒްކުރުން އަންނަ އަހަރަށް ފަސްކޮށްފާނެ ކަމަށް ރިޕޯޓުތަކުން ބުނެފައި ވަނިކޮށް އެ ފިލްމު މި އަހަރު ސިނަމާތަކަށް ގެނެސްދޭނެކަން ފިލްމުގެ އާ ޕޯސްޓަރަކުން ކަށަވަރުކޮށްދީފިއެވެ.

މި ފިލްމު ފަސްވަމުންދާ ކަމަށް މީޑިއާގައި ޚަބަރު ފެތުރިފައިވަނިކޮށް، އާ ޕޯސްޓަރާ އެކު ފިލްމު ތާވަލާ އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުވުމަކީ އިންތިޒާރުގައި ތިބި ސަލްމާންގެ ސަޕޯޓަރުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.

ނަމަވެސް، މި ޕޯސްޓަރުގައި އެންމެންގެ ސަމާލުކަން ހުއްޓުނު އެއް ކަމަކީ ފިލްމުގެ ޑައިރެކްޓަރުގެ ނަން އޭގައި ހިމަނާފައި ނުވުމެވެ. އޭގެ ބަދަލުގައި ޕޯސްޓަރުގައި ދޭހަކޮށްދިނީ މިއީ ޚުދު ސަލްމާން އަމިއްލައަށް ގެނެސްދޭ ފިލްމެއް ކަމެވެ.

މި ފިލްމު އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށް އަޑުފެތުރިފައިވަނީ، ފިލްމުގެ ބައެއް މަންޒަރުތަކާއި ޗައިނާއާ ގުޅޭ ބައެއް ކަންކަމާމެދު އިންޑިއާގެ ޑިފެންސް މިނިސްޓްރީން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގަލްވާން ވާދީގެ ކުރިމަތިލުމުގެ މައްޗަށް ބިނާކޮށް އުފައްދާ މި ހަނގުރާމައިގެ ފިލްމުގެ ނަމަކަށް ކުރިން ކިޔުނީ "ބެޓްލް އޮފް ގަލްވާން"އެވެ. ނަމަވެސް ފަހުން ފިލްމުގެ ނަން ބަދަލުކޮށްފައިވަނީ "މާތުރޫބޫމީ: މޭ ވޯ ރެސްޓް އިން ޕީސް" މި ނަމަށެވެ.

ފިލްމު "މާތުރޫބޫމީ: މޭ ވޯ ރެސްޓް އިން ޕީސް"ގެ މަންޒަރެއްގައި ސަލްމާން ޚާން--ފޮޓޯ/އިންޑިއާޓުޑޭ

އަޕޫރްވާ ލަކިއާ ޑައިރެކްޓްކުރާ މި ފިލްމަކީ 15 ޖޫން 2020ގައި ގަލްވާން ވާދީގައި އިންޑިއާ ސިފައިންނާއި ޗައިނާ ސިފައިންގެ މެދުގައި ހިނގި ވަރުގަދަ ކުރިމަތިލުމުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މި ކުރިމަތިލުމުގައި އިންޑިއާގެ 20 ސިފައިން މަރުވެފައިވާއިރު، މިއީ ފަހުގެ ތާރީޚެއްގައި އިންޑިއާ އާއި ޗައިނާގެ އަސްކަރިއްޔާގެ މެދުގައި ހިނގި އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ.

މި ފިލްމުގައި ސަލްމާން ކުޅެނީ 16 ވަނަ ބިހާރު ރެޖިމެންޓުގެ ކޮމާންޑިންގް އޮފިސަރު ކާނަލް ބީ. ސަންތޯޝް ބާބޫގެ ރޯލެވެ. އޭނާއަކީ ގަލްވާން ވާދީގެ ކުރިމަތިލުމުގައި ސިފައިންނާ އެކު އިސްކޮށް ހުންނެވި ބޭފުޅާއެވެ.

މި ފިލްމުގެ ބަތަލާއަކީ ޗިތުރަންގަދާ ސިންގްއެވެ. މީގެ އިތުރުން އަބިލާޝް ޗައުދަރީ އާއި އަންކުރް ބާޓިއާ ފަދަ ތަރިން ފިލްމުގެ މުހިންމު ރޯލުތަކުން ފެންނާނެއެވެ. މި ފިލްމު މި އަހަރު ރިލީޒްކުރާނެކަމަށް އާ ޕޯސްޓަރުގައި ފާހަގަކޮށްފައިވީ ނަމަވެސް އެއީ ކޮން ތާރީޚެއްކަން ހާމަކޮށްފައެއް ނުވެއެވެ.