އަންނަ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކަށް ކުދިން ވައްދަން މިއަދު ހުޅުވައިލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސަރުކާރުސްކޫލުތަކުން ޖާގަ ހޯދުމަށް އެދި ހުށަހަޅާ ފޯމުއެ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލުތަކަށް ވެސް އަލަށް ކުދިން ވައްދާނީ އެ ފޯމު މެދުވެރިކޮށް ކަމަށް، މިނިސްޓްރީން ބުންޏެވެ.

ސަރުކާރު ސްކޫލުތަކަށް ކުދިން ވެއްދުމަށްޓަކައި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޮގަސްޓު މަހުގެ ފަހު ދުވަހެވެ.

ފޯމު ހުށަހަޅާއިރު ފޯމު ފުރުމަށް ބޭނުންކުރާ އީމެއިލް އެޑުރެހާއި ފޯނު ނަންބަރަކީ ބެލެނިވެރިޔާގެ އީމެއިލް އެޑުރެހާއި ފޯނު ނަންބަރުގެ ގޮތުގައި މިނިސްޓްރީގައި ރަޖިސްޓްރީކުރާނެ ކަމަށާއި, އެ މައުލޫމާތު ސްކޫލުތަކާ ހިއްސާކުރާނެކަން މިނިސްޓްރީން ފާހަގަކުރެއެވެ.

ފާހަގަކުރެވޭ ގޮތުގައި މި މަހުގެ 16ވަނަ ދުވަހު މި ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައިލައި 17ވަނަ ދުވަހުން ދަރިވަރުން ވަނީ ޗުއްޓީއަށް ގޮސްފައެވެ. ދެވަނަ ޓާމުގެ ކިޔެވުން ފަށާނެ ކަމަށް ދިރާސީ ކަލަންޑަރުގައި އޮތީ އަންނަ އޮގަސްޓު މަހުގެ ދެވަނަ ދުވަހެވެ.

މި އަހަރު ވެސް ދަރިވަރުންނަށް އަހަރު ނިންމައި ބޮޑު ޗުއްޓީ ލިބޭނީ ޑިސެންބަރުގައެވެ.

އެ ގޮތުން، ޑިސެންބަރު 18 ގައި މި އަހަރުގެ ކިޔެވުން ނިމޭނެއެވެ. އަދި، އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ ޖަނަވަރީ 17، 2027 ގައެވެ.