މީގެ ކުރިން ކްރިޑިޓް ފެސިލިޓީގެ ގޮތުގައި ރާއްޖެއަށް ދޭ 25 ޑޮލަރުގެ ލޯނެއްގެ ގޮތުގައި ރާއްޖެއަށް ދޫކުރުމަށް އިންޑިއާގެ ކެބިނެޓުން ފާސްކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނީ އިންޑިއާގެ ގުޅިފައިވާ ކެބިނެޓުން އެ ނިންމުން ނިންމާފައިވަނީ އިއްޔެ ކަމަށެވެ. އިންޑިއާގެ ކެބިނެޓް ނިންމުގައިވާ ގޮތުން 2011 ވަނަ އަހަރު ރާއްޖެއަށް ދޭން އިންޑިއާއިން އެއްބަސްވި 100 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ 50 މިލިއަން ޑޮލަރުގެ ކްރިޑިޓް ފެސިލިޓީ 25 މިލިއަން ޑޮލަރަށް ކުޑަކޮށް ބާކީ 75 މިލިއަން ޑޮލަރު ރާއްޖޭގެ ބަޖެޓް ސަޕޯޓަށް ދޫކުރުމަށް ކެބިނެޓުން ފާސްކުރި ކަމަށެވެ.

އިތުރު 25 މިލިއަން ޑޮލަރުގެ ލޯނެއް ބަޖެޓް ސަޕޯޓަށް ނެގުމަށް މިދިޔަ އާދިއްތަ ދުވަހު ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވަނީ ފިނޭންސް މިނިސްޓްރީއަށް ހުއްދަދީފަ އެވެ. ފިނޭންސް މިނިސްޓާ އަބްދުﷲ ޖިހާދު ވިދާޅުވެފައިވަނީ އެ ލޯނު ނުލިބިއްޖެ ނަމަ މި މަހުގެ މުސާރަ ދިނުމަށް ވަރަށް ދަތިވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ސާކް ސަމިޓް ތެރޭގައި އިންޑިއާއިން ދޭން އެއްބަސްވި 100 މިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން 25 މިލިއަން ޑޮލަރުގެ މީގެ ކުރިން އިންޑިއާއިން ވަނީ ރާއްޖެއަށް ދޫކޮށްފަ އެވެ. އަދި ބާކީ 25 މިލިއަން ޑޮލަރު ދިނުމަށް އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ވަނީ މި މަހު ކުރީކޮޅު އެގްރިމަންޓްގައި ސޮއިކޮށްފަ އެވެ.

އިންޑިއާ އިން ރާއްޖެ އަށް ދޫކުރާ 100 މިލިއަން ޑޮލަރަކީ 10 އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ނަގާފައިވާ ލޯނު ފައިސާ އެވެ. އަދި އެ ލޯނުގެ އިންޓަރެސްޓް ރޭޓަކީ އަހަރަކު 1.5 ޕަސެންޓެވެ.