ލ. މާބައިދޫ މެޖިސްޓްރޭޓް ކޯޓް އިމާރާތް ކުރުމަށް 1.1 މިލިއަން ރުފިޔާ އަށް ރަސްމާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

ފޮނަދޫ ކޯޓުން އިއްޔެ ބުނީ މާބައިދޫ ކޯޓު އިމާރާތް ކުރުމަށް ރަސްމާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ އެކަމަށް ޓަކައި އެ ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.

މާބައިދޫ ކޯޓް އިމާރާތްކުރުމަށް ރަސްމާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރީ މެނޭޖިން ޑައިރެކްޓާ މުހައްމަދު ސަލީމް އެވެ. އަދި ފޮނަދޫ ކޯޓުގެ ފަރާތުން ސޮއިކުރެއްވީ ކޯޓު އެޑްމިނިސްޓްރޭޓާ މުހައްމަދު ހަމީދު އެވެ.

މާބައިދޫ ކޯޓު މިހާތަނަށް ހިންގަމުން އައީ ކައުންސިލް އިދާރާގެ ވަކި ކޮޓަރިއެއްގެ ތެރޭގަ އެވެ. ކޯޓު އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ ކައުންސިލް އިދާރާގެ ގޯތިތެރޭގައި ކޯޓު އިމާރާތްކުރުމަށް ކައުންސިލުން ދޫކޮށްފައިވާ ބިމުގައި ކަމަށް ފޮނަދޫ ކޯޓުން ބުންޏެވެ.