އެއާޕޯޓްސް ކޮންޕެނީގެ މުވައްޒަފުންގެ މުސާރަ ކުޑަކުރުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޕެޓިޝަނެއް ހުށަހެޅުމުގައި އިސްކޮށް އުޅުނު މީހަކު ވަޒީފާ އިން ވަކިކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި އޭނާ އަށް ވަޒީފާ ދިނުމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.

ދ. ކުޑަހުވަދޫ ރޯޒްލީން އިސްމާއިލް ނާފިއު އަށް ވަޒީފާ ދިނުމަށް ހައިކޯޓުން އިއްޔެ ހުކުމް ކުރީ އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން އޭނާ އިސްތިއުނާފު ކުރި މައްސަލަ ބެލުމަށް ފަހު އެވެ.

އިއްޔެ އިން ފެށިގެން 15 ދުވަހުގެ ތެރޭގައި އޭނާ އަށް ވަޒީފާ ދިނުމަށާއި އަދި އޭނާ ވަޒީފާ އިން ވަކިކުރި ދުވަހުން ފެށިގެން އިއްޔެއާ ހަމަޔަށް ދޭން ޖެހޭ މުސާރަ އެއް މަސް ދުވަހުގެ ތެރޭގައި ދިނުމަށް ވެސް ހައިކޯޓުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މައްޗަަށް ކުރި ހުކުމްގައިވެ އެވެ.

ހައިކޯޓުގެ ހުކުމްގައި ބުނަނީ އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ ހަވާލުކުރާ މަސައްކަތް ބަރާބަރަށް ނިންމަމުން ނުދާތީ އާއި ކުންފުނީގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނާއި މެނޭޖްމަންޓާ ޖެހޭގޮތަށް ދޮގު ވާހަކަތައް ދައްކަމުންދާތީ ވަޒީފާ އިން ވަކިކުރާނެ ކަމުގެ ނޯޓިސް ދިނުމަށް ފަހު ކަމަށް އެއާޕޯޓްސް ކޮންޕެނީން ބުނެފައިވާ ކަމަށެވެ.

ވަޒީފާ އިން ވަކިކުރާނެކަމަށް ބުނެ އޯގަސްޓް 10، 2009ގައި ނޯޓިސް ދިނުމަށް ފަހު ޖެހިގެން އައި ދުވަހު ވަޒީފާ އިިން ވަކިކޮށްފައި ވަނީ އެ ކުންފުނީގެ މުސާރަ އަށް ގެނައި ބަދަަލަކާ ގުޅިގެން އެކަމާ އިހުތިޖާޖު ކުރުމަށް އެކުންފުނީގެ އިތުރު މުވައްޒަފުންތަކަކާ ގުޅިގެން ރައީސް ނަޝީދަށް ޕެޓިޝަން ހުށަހެޅުމުގައި އިސްކޮށް އުޅެފައިވާތީ ދެ މަސް ވަންދެން މަސައްކަތެއް ހަވާލުނުކޮށް ބެހެއްޓުމަށް ފަހު ކަމަށް އޭނާ ބުނެފައިވާ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައިވެ އެވެ.

ހައިކޯޓުގެ ހުކުމްގައި ބުނަނީ އެއާޕޯޓްސް ކޮންޕެނީގެ އަތްމަތީ ފޮތުގައި ކުންފުނީގެ ގަވާއިދާއި ޚިލާފުވާ މުވައްޒަފުންނާ މެދު އިސްލާހީ ފިޔަވަޅު އެޅޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެ ފޮތުގައި ބުނެފައިވާ ގޮތުން ފުރަތަމަ ނަސޭހަތް ދިނުމަށް ފަހު އިސްލާހު ނުވެއްޖެ ނަމަ ޖޫރިމަނާކުރެވޭނެ ކަމާއި އެގޮތުން ވެސް އިސްލާހު ނުވެއްޖެ ނަމަ އިންޒާރުދިނުމަށް ފަހު ވަޒީފާއިން ވަކިކުރެވޭނެ ކަމަށް އެ ފޮތުގައި ބުނެފައިވާ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައިވެ އެވެ.

އޭނާއާ މެދު ހުށަހެޅުނު ޝަކުވާއާ ގުޅިގެން ޖުލައި 15، 2009ގައި ބޭއްވި ބައްދަލުވުމުގައި އޭނާ އަށް ނަސޭހަތްދީފައިވާ ކަމަށް އެއާޕޯޓްސް ކޮންޕެނީން ބުނި ނަމަވެސް ނަސޭހަތް ދިންކަން އޭނާ އަށް އަންގާފައިވާކަން އެ ބައްދަލުވުމުގެ ޔައުމިއްޔާ އިން އެނގެން ނެތުމުން އިސްލާހީ ފިޔަވަޅެއް އެޅިފައިވާކަމަށް ބެލެވެން ނެތްކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

އެ ހުކުމްގައި ބުނަނީ އޭނާ ވަޒީފާ އިން ވަކިކުރުމަށް ބޭއްވި ބޯޑު ބައްދަލުވުމާ ދެމެދު އޭނާ އަށް އިސްލާހީ ފިޔަވަޅެއް އަޅާފައިވާކަން އެނގެން ނެތް އިރު ކުންފުނީގެ ގަވާއިދާއި ޚިލާފަށް އިތުރަށް އޭނާ ކޮށްފައިވާ ކަމެއް ވެސް އެނގެން ނެތް ކަމަށެވެ.