25 Sep 2012, 09:47
ބިދޭސީންގެ ރާއްޖޭގައި ގިނަވެ، ތޮއްޗެހޭ ވާހަކައަކީ އަބަދުހެންމެ ދައްކާ ވާހަކަ އެކެވެ. ބިދޭސީންގެ އުނދަގުލާ ހެދި އެކި ފަހަރު ނިކުންނަނީ އެކި މައްސަލަ އެވެ. މުޖުތަމައަށް ވިޔާނުދާ އެކި އާދަތައް ފެތުރުމެވެ. ބައެއް ފަހަރު ދުއްތުރާ ބޮޑުވުމެވެ. މި ހުރިހާ ކަމަކަށް ވުރެ އިގްތިސޯދަށް ހުރި ބިރު އަދި މާބޮޑެވެ. ދިވެހިން ވަޒީފާގެ ބާޒާރުގައި ބިކަވެ ހަނި ފުރުސަތުތަކެއް ދިވެހިންނަށް އޮންނަނީ ބިދޭސީ މަސައްކަތު މީހުންގެ ސަބަބުންކަމަށް ދެންނެވިދާނެ އެވެ. ވިސްނުމުން އެކަން ދޫކޮށްލާފައި ވިޔަސް ބިދޭސީންގެ އަތް ރާއްޖޭގެ އިގްތިސޯދުގައި މާ ބާރުގަދަ އެވެ.
ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަލީ ލަފާކުރައްވާ ގޮތުން ބިދޭސީ މަސައްކަތްތެރިންގެ އާބާދީ 15 ޕަސެންޓްގެ ރޭޓުން އަންނަނީ އިތުރުވަމުންނެވެ. އެ ރޭޓަށް ބަލާއިރު އަހަރު ދުވަހުގެ ތެރޭގައި 2144 މިލިޔަން ޑޮލަރާއި 4287 މިލިޔަން ޑޮލަރު ރާއްޖެއިން ބޭރަށް ބިދޭސީން ގެންދާނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ. އެހެން ކަމުން މިއީ އުފެއްދުންތެރިކަމެއްނެތް އަދި ބޭރުގެ މުދަލަށް ބަރޯސާ ވެފައިވާ ދިވެހި ރާއްޖެއަށް ވަރަށް ބޮޑު ބިރެކެވެ.
މިއަދު ރާއްޖޭގެ މަސައްކަތުގެ މާހައުލަށް ބަލާއިރު އެ މަސައްކަތްތެއްގައި ބިދޭސީން ބައިވެރިނުވާ ނުވަތަ އެމީހުންގެ އަތެއް ނުވާ ދާއިރާއެއްނެތެވެ. ދިވެހިންގެ އިގްތިސާދުގެ މައިގަނޑު ދާއިރާ، ފަތުރުވެރިކަމުގައިވެސް ދިވެހިންނަށް ވުރެ ގިނައީ ބިދޭސީންނެވެ. އަދި ދިވެހިންގެ ލޭނާރުކަމުގައި ބުނެ ފަހުރުވެރިވާ މަސްވެރިކަމުގައިވެސް ބިދޭސީންގެ ވަކިތަށް ގެންދަނީ ހިއްޕަމުންނެވެ. އަދި ފިހާރަތަކަށް ބަލާލިކަމުގައި ވިޔަސް ސޭލްސްމަނަކަށް ނުވަތަ ފިހާރާގެ ސޭޓަކަށް ނަމަވެސް ބިދޭސީއަކު މަސައްކަތް ނުކުރާ ފިހާރައެއް ނެތޭ ބުނެވިދާނެ އެވެ.
"ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިންގެ އާބާދީ އިތުރުވަމުން ގޮސްފައިވާ މިންވަރުން އެ ނިސްބަތް 20 ޕަސެންޓަށް އިތުރުވާނަމަ 2018 ވަނަ އަހަރު އަންނައިރު ރާއްޖޭގެ އާބާދީއާ އެއް ހަމައެއްގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިތުރުވާނެ" ކޮންޓްރޯލާ އިންޒާރުކުރެއްވި އެވެ.
ރާއްޖޭގައި ބިދޭސީންގެ ނިސްބަތަށް ބަލާއިރު އޭގެތެއިން ގިނަ މީހުން ހަރަކާތްތެރިވަނީ ވޯކް ވިސާވެސް ނެތި ގަވާއިދުން ބޭރުންނެވެ. އެއީ އެންމެންނަށް އިނގޭ ކަމަކަށް ވާއިރު ވިޔަފާރި ވެރިންވެސް އަދި އާންމު ރައްޔިތުންވެސް އެމީހުންގެ ފަރާތުން ހިދުމަތް ހޯދަނީ އަގުހެޔޮ ކަމަށްބުނެ އެވެ. އިތުރަށް ވިސްނަން ބޭނުންވެސް ނުވާގޮތުގަ އެވެ.
"އަހަރެމެނަށް ކުނި އުކާލެވެނީ 200ރ. އަށް ބިދޭސީނަށް 100ރ. އާއަށް ކުނި އުކާލެވޭ، އެހެނެއްނު ވާނީ އެމީހުން ގައުމުގައި އެއް ރުފިޔާއަކީ ތިން ރުފިޔާ. އަސްލު މިހާރު މިކަން ކުރެވޭ ވަރެއްވެސް ނޫން ބިދޭސީން ހުރިހާކަމެއް ކުރަނީ" މާލޭގައި ކުނިއުކާލުމުގެ މަސައްކަތުގައި ގިނަ ދުވަސްތަކެއް ވަންދެއް މަސައްކަތްކުރަންދާ އަބުދުލްﷲ މުހައްމަދު ބުންޏެވެ.
ބިދޭސީންގެ ދުއްތުރާލުގެ ވާހަކައިން ކިތަންމެ ވަރަކަށް ޝަކުވާ ކުރިއަސް އެކަން އޮންނަނީ ހުސް ޝަކުވާއަށް ވެފަ އެވެ. މާލޭގެ ލޯކަލް މާރުކޭޓް ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވެގެން އެސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ބޮޑު މައްސަލައަކަށްވެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ޕެޓިޝަނެއް އެމީހުން އަންނަނީ ތައްޔާރުކުރަމުންނެވެ. އަދި ބިދޭސީން ލައްވައި މަސްވެރިކަމުގެ މަސައްކަތް ކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މީގެ ކުރިންވެސް ވަނީ ބުނެފަ އެވެ. ނަމަވެސް މިހާތަނަށް ފިޔަވަޅެއް އެޅިފައިވާތަނެއް ނުފެނެއެވެ. ނަމަވެސް ފިޔަވަޅެއް ނޭޅި އެމައްސަލައަށް ހައްލެއްވެސް ލިބޭކަށް ނެތެވެ.
"މިހާރު މިމާރުކޭޓްގައި(ދަތުރުވެރިންގެ މަރުކޭޓް) ގައި ކަންތައްވާގޮތަކީ ހުރިހާ ގޮޅި ތަކުގައި ތިބެނީ ބިދޭސީން، މިހާރު ރަށްރަށުގައި ދަނޑުހައްދަނީވެސް ބިދޭސީން އެހެންވެ އެމީހުންނާއި އެމީހުން ތިބޭ ގުޅިފައި އެއްޗިސްވެސް ލިބެނީ އެމީހުނަށް އެހެންވީމަ ވިއްކެނީވެސް އެމީހުނަށް، ދެން އަހަރެމެން ދިވެހިންނަށް ވާގޮތަކީ ކޮންމެ ރެއަކު ގޮޅީގަ އިންނަ ބިދޭސީ މީހާ 1000ރ. އިން 2000ރ. އިން ދިނީމަ ހުންނަނީ ހެވިފަ، އެހެން މީހުނަށް ވާގެއްލުމެއް ދެރައަކަށް ނުބަލާ ހަގީގަތުގައި، އެހެންކަމުން އަޅުގަނޑުމެނަށް ވަރަށް ދަތި މިތާ މިހާރު މަސައްކަތްކުރަން މިއީ އަޅުގަނޑުމެން ކާންބޯން ކުރާ މަސައްކަތަކީ" ދަތުރުވެރިންގެ މަރުކޭޓުން ބިދޭސީންގެ މައްސަލަ ބޮޑުވެގެން އެ މައްސަލަ ހައްލުކުރަން ޕެޓިޝަނެއް ހަދައިގެން އުޅޭ މީހުންގެ ތެރެއިން އިސް ކޮށް ހަރަކާތް ތެރިވާ މީހަކު ބުންޏެވެ.
މާލެ ސިޓީ ކައުންސިލް މެންބަރު އަހުމަދު އަބްދުލް ކަރީމް (ރުކުމާ) ވިދާޅުވީ މާރުކޭޓު ގޮޅިތަކުގައި ބިދޭސީން ނުގެންގުޅެވޭ ގޮތަށް އަލުން ގޮޅިތަކުގެ އެގްރީމަންޓް އައު ކުރަން ސިޓީ ކައުންސިލުން ނިންމާފައިވާކަމަށާއި އޭރުން ގޮޅިތަކުގައި ބިދޭސީން ނުގެންގުޅެވޭނެ ކަމަށެވެ.
ބިދޭސީނަށް ރާއްޖޭގައި މަސައްކަތްލިބި ދިވެހިން ބިކަވުމުގެ ފަހަތުގައިވެސް ސަބަބުތަކެއް އެބަހުއްޓެވެ. އެއީ ދިވެހިން ބައެއް މަސައްކަތްތައް ކުރަން ލަތުގަތުމާއި ވަޒީފާ އަދާކުރަން ބައެއް ދިވެހިން ފަސްޖެހޭ ޖެހުމެވެ. އެކަން އަދި ޒުވާނުންގެ އަބާދީގައި ވަރަށް ބޮޑެވެ. ޒުވާނުން ވަޒީފާއަށް ނެރުމަށް އެންކަރޭޖް ކުރެވުނަސް ތައުލީމާއި ތަޖުރިބާއަށް އިސްކަން ދެވެނީ ވަރަށް މަދުންނެވެ.
ގިނަ ވިޔަފާރި ވެރިން ބުނަނީ ބިދޭސިންގެ ފަރާތުން އެމީހުނަށްވެސް ވަރަށް ބޮޑަށް ދަތިވާ ކަމަށާއި ނަމަވެސް ބިދޭސީން ބޭނުންކުރަން ޖެހެނީ އެމީހުން ކުރާ މަސައްކަތްތައް ކުރާނެ ދިވެހިން ނުތިބޭތީ ކަމަށެވެ. އަދި ދިވެހިން ވަޒީފާތަކުގައި ހަރުނުލުމާއި ފަރުވާކުޑަކަމަކީ އެ މީހުންގެ އެންމެ ބޮޑުޝަކުވާ އެވެ.
އެގޮތުން ރާއްޖެއަށް ތަފާތް މުދާ އެތެރެކޮށް ވިއްކާ މެޑޯ ޓުރޭޑުން ބުނީ ބިދޭސީން މަސައްކަތް ތެރެރިން ބޭނުންނުކޮށް މިއަދު ވިޔަފާރި ކުރެވެން ނެތް ކަމަށާއި ވިޔަފާރީގެ ތެރޭގައި ކުރަންޖެހޭ ބައެއް މަސައްކަތް ތަށް ކުރުމަށް ދިވެހިން ބޭނުން ނުވާ މައްސަލަބޮޑުކަމަށެވެ.
ރާއްޖޭގެ ގިނަ ދާއިރާތަކުގައި ނުއަގުގައި ގިނަ ފަހަރަށް މަސައްކަތްކުރަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަމުގައި ވާއިރު ޑެޕިއުޓީ ކޮންޓްރޯލާ ހާމިދު ފަތުހުﷲ ވިދާޅުވިގޮތުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ހޯދަން އިމިގުރޭޝަންއާއި ފުލުހުން ގުޅިގެން ތަފާތު މަސައްކަތް ތަކެއް ކުރަމުންދާ ކަމަށާއި އޭގެތެރޭގައި އެމީހުން ގިނައިން ހަރަކާތްތެރިވާ ސަރަހައްދުތަކަށްގޮސް އެމީހުންނަކީ ގަވާއިދަށް ރާއްޖޭގައި އުޅޭބައެއްތޯ ބަލައި ގަވައިދާ ހިލާފަށް އުޅޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ގެންނަ ވަރަކަށް އާދޭ އެމީހުން ގެންގުޅޭ މީހުން ހަވާލުވާން. އެގޮތުން ރެގުއަލައިޒްކޮށްގެން އެމީހުން ގެންގުޅެން ބޭނުންވެގެން، އަދި ހަމަ ނަގާ މީހުންތަކުގެ ތެރޭގައި ބައެއް ފަހަރު ހުރޭ ވަރަށް ގިނައިން އެމްޕުލޯޔަރު ރަނގަޅު މުސާރަދޭ ނަމަވެސް ވިސާގެ ކަންތައް އެއްވެސް ގޮތަކަށް ކުރިއަށް ނުގެންދާ އެހެންވީމަ އެމީސް މީހުން އަޅުގަނޑުމެން ފައިސާ ދައްކާފަ ކާޑް ހައްދާފަ ދޫކުރަނީ،" ޑެޕިއުޓީ ކޮންޓްރޯލާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ނިސްބަތް އާދަޔާއި ހިލާފަށް އިތުރުވަމުން އަންނަ ކަމަށާއި ރާއްޖޭގައި ބިދޭސީން ދިރިއުޅޭ ނިސްބަތް 2018 ވަނަ އަހަރު އަންނަ އިރު ދިވެހިންގެ އާބާދީއާއި އެއްވަރު ވާނެ ކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަނެއްކާވެސް މުޖުތަމައަށް ދޫކުރާނަމަ ރާއްޖެއަށް ފައިދާއެއް ނެތެވެ. ގައުމުގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު ވަކި މިންވަރަކަށް ނުހިފިއްޓިއްޗެ ނަމަ އިގްތިސޯދީ ތަދުމަޑުކަމެއް އޮތީ މާދުރަކުނޫނެވެ.