ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެކުލަބާއި ހިތްހަމަނުޖެހިގެން އުޅެނީ ފައިސާގެ މައްސަލަތަކަކާއި ހެދި ނޫންކަމަށާއި އެއީ އަމިއްލަ މައްސަލަތަކަކާއި ހެދިކަމަށް ދާދިފަހުން ފުޓްބޯޅަ ކުޅުމާއި ދުރަށްދިޔަ، މެޑްރިޑްގެ ކުރީގެ ސްޕެއިން މިޑްފީލްޑަރު ގުޓީ ބުނެފިއެވެ. ރޮނާލްޑޯގެ މައްސަލަ ހައްލުކުރުމަށް އޭނާ އަށް ބޭނުންވަނީ ލޯބިކަމުގައިވެސް އޭނާ ބުނެފައިވެ އެވެ.

ގުޓީވަނީ ރެއާލް މެޑްރިޑަށް ކުޅުނު 387 މެޗުން 46 ގޯލް ކާމިޔާބުކޮށްދީފަ އެވެ. ގުޓީގެ ފުޓްބޯޅަ ހަޔާތުގެ ބޮޑުބައެއް ހޭދަކޮށްފައި ވަނީ ވެސް މެޑްރިޑްގަ އެވެ. ފަންސަވީސް އަހަރުދުވަހު މެޑްރިޑަށް ކުޅުމަށްފަހު، 2010-11 ސީޒަނަށް ތުރުކީގެ ބެސިކްޓާސްއަށް ބަދަލުވި ގުޓީ ކުޅުމާއި ދުރަށް ދިޔައީ މިދިޔަ ހަފްތާގަ އެވެ.

"ރޮނާލްޑޯ ހިތްހަމަނުޖެހިގެން އެއުޅެނީ ފައިސާގެ މައްސަލަތަކަކާއި ހެދިއެއް ނޫން. އެއީ އަމިއްލަ މައްސަލަތަކަކާއި ގުޅިގެންކަމަށް ބެލެވެނީ. އޭނާއަށް ބޭނުންވަނީ ލޯބި. އެއީ ކޮންމެ ކުޅުންތެރިއެއް ވެސް ބައެއް ފަހަރު ބޭނުންވާ އެއްޗެއް." ގުޓީ ބުންޏެވެ.

މެޑްރިޑަށް ލީގުގެ ފަހަތުގައި އޮންނަން ޖެހުނީ ރަނގަޅު ފެށުމެއް ނުހޯދުމުން ކަމަށްވިޔަސް، މިސީޒަނުގެ ޗެމްޕިއަންސް ލީގު އެކުލަބަށް ކާމިޔާބުކުރެވޭނެ ކަމަށާއި ސްޕެނިޝް ލަލީގާގައި ވާދަވެރި ބާސެލޯނާ ބަލިކުރެވޭނެކަމުގައި ވެސް ގުޓީ ބުނެފައިވެ އެވެ.

"ލީގުގެ ތަންކޮޅެއް ފަހަތުގައި މެޑްރިޑް އެއޮތީ ރަނގަޅު ފެށުމަށް ނުހޯދުމުން. ޗެމްޕިއަންސް ލީގުގެ ކާމިޔާބުކުރުމަށް މެޑްރިޑަށް އަދި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ. ނަމަވެސް އެކުލަބަށް ދިހަވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިދާނެ. އަދި ލަލީގާގައި ބާސާވެސް ބަލިކުރެވިދާނެ." ގުޓީ ބުންޏެވެ.

ރޭ ކުޅުނު ސްޕެނިޝް ލަލީގާ މެޗުގައި ރަޔޯ ވަލެކާނޯއާއި ދެކޮޅަށް މެޑްރިޑް ކުޅުނު މެޗު އެކުލަބުންވަނީ 2-0 ލަނޑުން ކާމިޔާބުކޮށްފަ އެވެ. ރަށުން ބޭރުގައި މެޑްރިޑް ކުޅުނު މިމެޗުގައި އެކުލަބަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ފްރާންސް ފޯވާޑް ކަރިމް ބެންޒެމާއާއި ރޮނާލްޑޯ އެވެ. ބެންޒެމާގެ ގޯލް މެޗުގެ 13 ވަނަ މިނެޓްގައި ފެނުނުއިރު، ރޮނާލްޑޯގެ ލަނޑު ފެނުނީ 70 ވަނަ މިނެޓްގައި އެކުލަބަށް ލިބުނު ޕެނަލްޓީއަކުންނެވެ.