19:00


ޕާޓީތަކުގެ މެންބަރުންނަށް ނޭނގި އެހެން ޕާޓީތަކުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ތަނަވަސްވެގެން ދަނީ އިލެކްޝަން ކޮމިޝަނުގެ އިހްމާލުން ކަމަށް ޑީއާރުޕީން ބުނެފި އެވެ.


ޑިއާރުޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަންހެނުން ގޮފީގެ ނައިބު ރައީސާ އާޒިމާ ޝުކޫރު ވިދާޅުވީ ޕާޓީތަކުގެ މެންބަރުނަށް ނޭނގި އެހެން ޕާޓީތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ދެވިގެން ދަނީ އިލެކްޝަން ކޮމިޝަނުން، އެކަން ހުއްޓުވުމަށްޓަކައި ގާނޫނީ ގޮތުންނާއި ކޮމިޝަންގެ ހައިސިއްޔަތުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުން ކަމަށެވެ. އެގޮތުން ޕާޓީގައި ރަޖިސްޓްރީ ކުރުމަށް އިލެކްޝަން ކޮމިޝަނަށް ފޯމް ހުށަހެޅުމަށްފަހު އެ ފޯމްތަކުގައި މައްސަލައެއް އުޅޭ ކަމުގައި ވާނަމަ ޒިންމާވާންޖެހޭނީ އެފޯމްތައް އެ ކޮމިޝަނާ ހަވާލުކުރި މީހެއް ކަމަށާއި އެމީހެއް ނުވަތަ އެޕާޓީއަކުން އެ ޒިންމާ ނަގަންޖެހޭނެ ހަމަތަކެއް ވެސް އިލެކްޝަން ކޮމިޝަނުން ކަޑައަޅާފައި ނުވާކަން އާޒިމާ ފާހަގަކުރެއްވި އެވެ.


ޑީއާރުޕީގެ ރަޖިސްޓްރާ މުހައްމަދު ސަލީމް ވިދާޅުވީ ސިޔާސީ ޕާޓތަކުގެ ތެރެއިން އެންމެ އަންހެނުން ގިނަ ފާޓީއަކީ ޑީއާރުޕީ ކަމަށާއި އަންހެނުންގެ ހައްގުތަކާއި ޒިންމާތައް ފުރިހަމައަށް އަދާކުރުމުގެ ފުރުސަތު އޮތީ  ޑީއާރުޕީގައި ކަމަށެވެ.