ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީއާއި އެކުލަބުގެ ސްޕެއިން ފޯވާޑް ޑޭވިޑް ވިޔާއާއި ދެމެދު އެއްވެސް މައްސަލައެއް ނުއުފެދޭކަމުގައި މެސީ ބުނެފި އެވެ.

ސްޕެނިޝް ލަލީގާގައި ގްރެނޭޑާއާއި ދެކޮޅަށް ކުޅެ، 2-0 ލަނޑުން ބާސާ މޮޅުވި މެޗުގައި މެސީއާއި ވިޔާ އެކުގައި ފެނިފައިވެ އެވެ. މިމެޗުގައި މެސީއާއި ވިޔާގެ ހޫނު ބަސްތަކަކުން ހާމަވެގެންދިޔައީ މިދެކުޅުންތެރިންގެ ދެމެދުގައި މައްސަލަތަކެއް އުޅެމުންދިޔަކަމެވެ. މިމެޗުގައި މިދެކުޅުންތެރިންގެ މެދުގައި ބަހުގެ ހަމަލާތަކެއް އުފެދިގެންދިޔައީ އެކަކު އަނެކަކުގެ ގައިގައި ޖެހުމުންކަމަށް ވީޑިއޯ ރީޕްލޭތަކުން ފެންނަމުންދެ އެވެ.

މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށްބުނެ، އުމުރުން 25 އަހަރުގެ މެސީވަނީ އެވާހަކަތަކަށް ރައްދުދީފަ އެވެ. "މައްސަލަތަކެއް ނެތްއިރު، މީހުން ނުޖެހޭނެ އެކަންތައްތަކަށް ބަލާކަށް. އަހަރެމެންގެ ސްކޮޑަކީ ވަރުގަދަ މޮޅު ސްކޮޑެއް. މިކަހަލަ ކަންތައްތަކަކީ ފުޓްބޯޅާގައި ފެނިގެންދާނެ ކަންތައްތައް. ގޯލް ކާމިޔާބުކޮށް ފަސޭހައިން މޮޅުވާން ވިސްނާއިރު، މިކަހަލަ ކަންތައްތަކެއް ކުރިމަތިވާނެ." މެސީ ބުންޏެވެ.

ފަރިތަކުރުންތަކުގައި ވެސް އެކަހަލަ ކަންތައްތަކަކީ ފެންނަ ކަންތައްތައް ކަމުގައި މެސީ ފާހަގަކޮށްފައިވެ އެވެ. "އެކަހަލަ ކަންތައްތަކަކީ ފަރިތަކުރުން އަދި ބައެއް މެޗުތަކުގައި ވެސް ފެންނަމުންދާ ކަންތައްތައް. އަހަރެންނާއި ވިޔާއާއި އެއްވެސް މައްސަލައެއް ނެތް. މިކަހަލަ ކަންތައްތަކަކީ ޓީމުގެ އަސްލު ފެންނަ ކަންތައްތައް. އެއީ މޮޅުވާން މަސައްކަތްކުރާއިރު ފެންނާނެ ކަންތައްތައް." މެސީ ބުންޏެވެ.

ބާސާގެ އެންމެ ވާދަވެރި ކްލަބު ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކްލަބާއި މެދު ހިތްހަމަނުޖެހިގެން އުޅެމުންދާ ހަބަރުތަކެއް ދެކެވެމުންދާއިރު، މެސީވެސް އުޅެނީ ބާސާ އާއި ހިތްހަމަނުޖެހިގެން ބާއޭ ގިނަބައެއްގެ ހިތްތަކުގައި މިހާރު ސުވާލުތަކެއް އުފެދެމުންދެ އެވެ.