އާސެނަލްގެ އިނގިރޭސި މިޑްފީލްޑަރު ތިއޯ ވަލްކޮޓްވާން ބޭނުންވަނީ އެކުލަބުގެ އެންމެ ފާހަގަކޮށްލެވުނު އެއްކުޅުންތެރިޔާކަމަށްވާ ތިއޮރީ އޮންރީ ފަދަ ކުޅުންތެރިއަކަށްވާން ކަމުގައި ވަލްކޮޓް ބުނެފި އެވެ.

އުމުރުން 23 އަހަރުގެ ވަލްކޮޓް އާއި އާސެނަލް އާ ދެމެދު ހަދާފައިވާ އެއްބަސްވުން މިއަހަރު ހަމަވާއިރު، އެކުލަބުން އޭނާ ދާނެކަމަށް ގިނަ ރިޕޯޓްތަކަކުން ބުނަމުންދިޔަ އެވެ. މިސީޒަނުގައި އާސެނަލްއިން ވަލްކޮޓްގެ ކޮންޓްރެކްޓް އާކުރުމަށް ގިނަ މަސައްކަތްތަކެއް ވެސް ކޮށްފައިވެ އެވެ. ނަމަވެސް ވަލްކޮޓް މިހާރު ވިސްނާފައި އޮތީ އާސެނަލްގައި މަޑުކޮށް، އެކުލަބުގެ ތާރީޚީ ތަރިއަކަށް ވާން ކަމުގައި އޭނާ ބުނެފައިވެ އެވެ.

"ކޮންޓްރެކްޓް އާކުރުމަކީ ގިނަ މުއްދަތެއް ނަގާނެކަމެއް. އަހަރެން އެންމެ ފަހުން ކޮންޓްރެކްޓް އާކުރިއިރު ވެސް ހަ މަސްދުވަހުގެ މުއްދަތެއް ނެގި. ކޮންޓްރެކްޓް އާކުރެވޭނެކަމަށް އަހަރެން އުންމީދުކުރަން." ވަލްކޮޓް ބުންޏެވެ.

އާސެނަލް ދޫކޮށް ދާން ބޭނުންވާކަމަށް އެއްއިރެއްގައި ވެސް ބުނެފައިނުވާނެ ކަމަށާއި، ކްލަބުގައި މަޑުކުރަން ބޭނުންވާކަމަށް ވަލްކޮޓް ބުނެފައިވެ އެވެ.

"އަހަރެން އެއްއިރަކު ވެސް އާސެނަލް ދޫކޮށް ދާން ބޭނުންވާ ވާހަކައެއް ބުނެފައެއް ނުވާނެ. އަހަރެން އަބަދުވެސް ބޭނުންވަނީ މިކުލަބުގައި ހުންނަން. އާސެނަލްއާއި އޮންރީ ގުޅުނީ އޭނާގެ އުމުރުން 22 އަހަރުގައި. އަހަރެންވެސް ބޭނުންވަނީ އޭނާ ފަދަ ކުޅުންތެރިއަކަށްވާން. އަދި އޮންރީއެކޭ އެއްފަދައިން ކުރިއަށް ކުޅެން." ވަލްކޮޓް ބުންޏެވެ.

އާސެނަލްއިން އުފެދެމުންދާ މޮޅެތި ކުޅުންތެރިންތަކެއް އެކުލަބު ދޫކޮށް ދާކަން ވަރަށް ގިނައިން ފާހަގަވެގެންދެ އެވެ. ނަމަވެސް ވަލްކޮޓް ބުނެފައިވާ ގޮތުގައި، އޭނާއަކީ ފައިސާއަށް ދަހިވެތިވާނެ ކުޅުންތެރިއެއް ނޫން ކަމަށެވެ. އާސެނަލްއިން ދޫކޮށްދާ ގިނަ ކުޅުންތެރިންތަކަކީ ބޮޑު އަގެއް ހުށަހެޅުމުން ކްލަބު ދޫކޮށްފައިވާ ކުޅުންތެރިންނެވެ.