އަންނަ ބޮޑުއީދު ބަންދުގައި ބ. އޭދަފުށީގައި ބާއްވާ ފުޓްބޯޅަ މުބާރާތުގައި ޖުމްލަ އަށް ޓީމަކުން ބައިވެރިވެއްޖެ ކަމަށް އޭދަފުށީ ޒުވާނުންގެ ކްލަބުން ބުނެފި އެވެ.

މުބާރާތް އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތެރިވާ ޒުވާނުންގެ ކްލަބުގެ ސީއީއޯ އަދި ކުރީގެ ކުލަބް ވެލެންސިޔާގެ މިޑްފީލްޑަރު މުހައްމަދު ޒާހިދު (ބައްޓޭ) މިއަދު ސަން އޮންލައިނަށް ދިން އިންޓަވިއުގައި ބުނީ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ ހުށަހަޅާފައިވާ މި މުބާރާތަށް މި އަހަރު ދައުވަތު ދީފައި ވަނީ ޖުމްލަ އަށް ޓީމަށް ކަމަށާއި އެއީ އެންމެ ފަހުގެ ޗެމްޕިއަން ރިއަލް ސޫޕް އާއި ސަންސެޓް ބީޗް އާއި ސީސީ ސްޕޯޓްސް އާއި ރުވާ ސްޕޯޓްސް އާއި ޔުނައިޓެޑް ވީ އާއި ސައިނޯސާ ފުޓްބޯޅަ ޓީމާއި އެންޖޯއީ ފްރެންޑްސް އަދި މިއަހަރު އަލަށް މި މުބާރާތަށް ދައުވަތުދިން އޭދަފުށީ ނިއު ޖެނެރޭޝަން އެވެ.

ބައްޓޭ ބުނީ ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެޓީމް ސެމީ ފައިނަލަށް ދަތުރު ކުރާ މިމުބާރާތުގައި އެންމެ ފަހުން އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ނެހެރޫ ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ހިމެނުނު 12 ކުޅުންތެރިއަކު މިމުބާރާތުގައި ކުޅޭ ކަމަށެވެ. އަދި އޭގެ އިތުރުން ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އަށް ޓީމުގެ ތެރެއިން 26 ކުޅުންތެރިއަކު ވެސް މިމުބާރާތުގައި އެކިއެކި ޓީމްތަކަށް ކުޅޭނެ ކަމަށް ބައްޓޭ ބުންޏެވެ.

"މިދިޔަ ހަފްތާ މުއްދަތު ހަމަވިއިރު ދައުވަތުދިން އަށް ޓީމުންވެސް މިހާރުވަނީ މުބާރާތުގައި ބައިވެރިވެފައި. މުބާރާތުގެ ގުރުއަތުލުން އަންނަ އަފްތާގައި އެފްއޭއެމްގައި އޮންނާނެ. މުބާރާތުގެ ޗެމްޕިއަންޓީމަށް މިހާރު ހުށަހަޅާފައިވާ 20000 ރ އަދި އަދި ބޮޑުވުން ވެސް އެކަށީގެން ވޭ،' މުބާރާތް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅޭ ކްލަބް ވެލެންސިއާގެ ކުރީގެ ކުޅުންތެރިޔާ ބައްޓޭ ބުންނެވެ.

އޭދަފުށީގައި ކޮންމެ އަހަރަކު ބާއްވާ ތަފާތު ފުޓްބޯޅަ މުބާރާތްތަކުގެ ތެރެއިން އެންމެ ބޮޑު މުބާރާތަކީ ވެސް ބޮޑު އީދު މުބާރާތެވެ.

ބ. އޭދަފުއްޓަކީ ދިވެހި ފުޓްބޯޅައިގައި މަތީ ފެންވަރުގެ އެތައް ކުޅުންތެރިންނެއްވެސް އެއް ރަށަކަށް ނިސްބަތްވާ ރަށެވެ. އެގޮތުން އެރަށުން ވަނީ ފާއިތުވި އަހަރުތަކުގައި އަދި މިހާރު ވެސް ފުރަތަމަ ޑިވިޝަނަށް މޮޅު އެތައް ކުޅުންތެރިން ނެރެދީފަ އެވެ. މީގެ އިތުރުން އޭދަފުއްޓަށް ނިސްބަތްވާ ފުޓުބޯޅަ ޓީމު ވަނީ ނުވަދިހައިގެ ކުރީކޮޅު ފުރަތަމަ ޑިވިޝަނުގައި ރަނގަޅު ވާދައެއް ކޮށްފަ އެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި މިހާރު ފާހަގަ ކޮށްލެވޭ އޭދަފުށީގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ވިކްޓަރީގެ މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި ވިކްޓަރީގެ ޝާފިއު އަހުމަދު (ޝާފީ) އާއި ވިކްޓަރީގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ހިމެނެ އެވެ.