25 Sep 2012, 09:33
ބްރެޒިލްގެ ސައޯ ޕައޮލޯ އަށް ބަދަލުވުމަކީ ބްރެޒިލްގެ ޒުވާން ތަރި ޕައުލޯ ހެންރީކޭ ގަންސޯގެ ހުވަފެނެއް ކަމަށް އޭނާ ބުނެފި އެވެ. އޭގެ އިތުރުން ގަންސޯވަނީ އެކުލަބުގެ މުވައްޒަފުންނާއި ކްލަބުގެ މުއްސަނދި ތާރީޚަށް ތަޢުރީފްކޮށްފަ އެވެ.
ސަންޓޯސް އިން ސައޮ ޕައޮލޯއަށް ބަދަލުވުމަށް ފަހު، ގަންސޯ ދިން ފުރަތަމަ ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ބުނީ، އެކުލަބާއި ގުޅުމުން ވަރަށް އުފާކުރާކަމަށެވެ.
"ސައޯ ޕައޮލޯގައި މިހިރީ ވަރަށް އުފަލުން. މިކްލަބުގެ ކުޅުންތެރިންނާއި، މުވައްޒަފުން އަދި ކްލަބުގެ ސަޕޯޓަރުން އަހަރެންނަށް ވަރަށް ބޮޑު މަރުހަބާއެއް ވަނީ ކިޔާފައި. އަހަރެންގެ ހުނަރުތައް ދައްކާލަން މިއީ އެންމެ ރަނގަޅު ކްލަބު. މިފަދަ މޮޅު ކްލަބަކާ ގުޅުމަކީ ކޮންމެ ކުޅުންތެރިއެއްގެ ވެސް ހުވަފެނެއް. އެގޮތުން މިއީ އަހަރެން ހުވަފެނެއް." ގަންސޯ ބުންޏެވެ.
ނިމިގެންދިޔަ އޮލިމްޕިކްސް މުބާރާތުގައި ބްރެޒިލް ގައުމީ ޓީމަށް ކުޅެމުންދަނިކޮށް، އުމުރުން 22 އަހަރުގެ ގަންސޯ އަށް ލިބުނު އަނިޔާއަކާ ގުޅިގެން އަދިވެސް އޭނާ ދަނީ އެ އަނިޔާއަށް ފަރުވާ ހޯދަމުންނެވެ. އެކަމުގެ ސަބަބުން ސައޯ ޕައޮލޯއަށް އޭނާގެ ކުޅުން ދައްކާލެވޭނެ ދުވަހެއް ގަންސޯއަށް ނޭނގޭ ކަމުގައި އޭނާ ބުނެފައިވެ އެވެ.
"މިކުލަބުން ފުރަތަމަ ފެންނާނީ ކޮން ދުވަހަކުންކަމެއް އަދި އަހަރެންނަކަށް ނޭނގޭ. އަދި އަހަރެން ޖެހޭ 100 ޕަސަންޓް ފިޓްވާން. ފިޓްވާން ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަހަރެން ކުރާނަން." ގަންސޯ ބުންޏެވެ.
ގަންސޯވަނީ ސަންޓޯސް އަށް މޮޅު ކުޅުމެއް ދައްކާފަ އެވެ. އެކަމުގެ ސަބަބުން މިސީޒަނުގައި ޔޫރަޕްގެ ބޮޑެތި ގިނަ ކްލަބުތަކަކުން އޭނާ ހޯދަން މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން މެންޗެސްޓާ ޔުނައިޓެޑާއި އިންޓަމިލާނުން ވެސް ގަންސޯ ހޯދުމަށް މަސައްކަތްކޮށްފައިވެ އެވެ.