25 Sep 2012, 09:18
ނިޔުޔޯކް (ސެޕްޓެމްބަރ 25): ސޫރިޔާގެ މައްސަލަ ހައްލުކުރުމަށް ހަމައެކަނި ދިމުޤްރާތީ އިސްލާޙްތައް ނުފުދޭކަމަށް އެޤައުމަށް ޢަރަބި ލީގާއި އދ. އިން ކަނޑައަޅާފައިވާ މަންދޫބު އަލްއަޚްޟަރުލްއިބްރާހީމީ ވިދާޅުވެއްޖެ އެވެ.
ސޫރިޔާ އަށް ކުރެއްވި ދަތުރުފުޅުގެ މަޢްލޫމާތު އދ.ގެ ސަލާމަތީ މަޖިލީހުގެ މެންބަރުންނަށް ދެއްވުމަށް ފަހު ނިޔުޔޯކްގައި ބޭއްވެވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އަލްއިބްރާހީމީ ވިދާޅުވީ ހަމައެކަނި ދިމުޤްރާތީ އިސްލާޙްތަކަކުން މައްސަލަ ޙައްލުކުރެވޭވަރަށްވުރެ ސޫރިޔާގެ ޙާލަތު ގޯސްވެފައިވާ ކަމުގަ އެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން އަލްއިބްރާހީމީ ވިދާޅުވީ ސޫރިޔާގެ މައްސަލަ ދުވަހުން ދުވަހަށް ގޯސްވެ އެމައްސަލައިގެ ނުރައްކާ އަވަށްޓެރި ޤައުމުތަކަށް ވެސް މިހާރު ފޯރަންފަށާފައިވާ ކަމުގަ އެވެ. އަދި ސޫރިޔާގެ މައްސަލައިގެ ދެފަރާތްވެސްތިބީ އެމީހުން ޤަބޫލުކުރާގޮތްތަކެއްގެ މަތީގައި ކަމަށާއި ދޫދިނުމުގެ ބައި ވަރަށް ކުޑަކަމުގަ އެވެ.
ޢަރަބި ލީގާއި އދ. އިން ކަނޑައަޅާފައިވާ މަންދޫބުގެ ޙައިޘިއްޔަތުން އަލްއިބްރާހީމީ މިދިޔަ ހަފްތާގައި ވަނީ ސޫރިޔާ އަށް ވަޑައިގެން ރައީސް ބައްޝާރުލްއަސަދާ ބައްދަލުކުރައްވާފަ އެވެ. އަދި ނުސީދާގޮތެއްގައި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނާ ވެސް އޭނާ ވާހަކަ ދައްކަވާފައިވެ އެވެ. ސޫރިޔާގެ ސަރުކާރު ވައްޓާލުމުގެ މަސައްކަތަކީ ބޭރުގެ ފަރާތްތަކުގެ ރޭވުމެއްކަމަށް ރައީސް ބައްޝާރު ދެކެވަޑައިގަންނަވާ ކަމަށާއި ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ އިދިކޮޅު ފަރަތްތަކާ އެކު ބޭރުޤައުމުތަކުގެ އެތައް ހާސްބަޔަކު ހަނގުރާމަކުރާ ކަމަށް ބައްޝާރުގެ ސަރުކާރުން ދެކޭ ކަމުގަ އެވެ. އަނެއްކޮޅުން ބައްޝާރަށް ވަފާތެރި ސިފައިންނާ އެކު އީރާނުގެ އިންޤިލާބީ ލަޝްކަރުތަކުގެ ސިފައިން ހަނގުރާމަކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ދެކޭކަމަށްވެސް އަލްއިބްރާހީމީ ވިދާޅުވި އެވެ.
ސޫރިޔާގެ މައްސަލަ ޙައްލުކުރުމަށް ޓަކައި އެކަމާގުޅުން ހުރި ހުރިހާ ޤައުމަކަށް ވެސް ވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް މައްސަލަ ދުވަހުން ދުވަހަށް ގޯސްވެ ލޭއޮހޮރުވުން އިތުރުވެ ހާލުގައިޖެހިފައިވާ ސޫރިޔާގެ ރައްޔިތުންގެ ޢަދަދު 1.5 މިލިޔަނަށް އަރާކަމަށް އަލްއިބްރާހީމީ ވިދާޅުވި އެވެ. (އަލްޖަޒީރާ)