ޓެލްއަވީވް (ސެޕްޓެމްބަރ 25): އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު އިހޫދް އޮލްމާޓްގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތުތަކުގެ ތެރޭން އެއްތުހުމަތު ކޯޓަށް ސާބިތުވުމާގުޅިގެން އޭނާ އެއް އަހަރު ދުވަހަށް ޖަލަށް ލުމަށާއި 20 ހާސް އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމަށް އިސްރާއީލުގެ ކޯޓަކުން ޙުކުމްކޮށްފި އެވެ.

އޮލްމާޓްގެ މައްޗަށް ކޮރަޕްޝަނާއި ފަސާދައިގެ ތިން ތުހުމަތެއް ކުރެވިފައިވާ އިރު އަނެއް ދެތުހުމަތުން އޭނާ ވަނީ ބަރީއަވެވަޑައިގެންފަ އެވެ. އޮލްމާޓްގެ މައްޗަށް ސާބިތުވެފައި ވަނީ ހިފާފައިވާ، ޤުދްސުގެ މޭޔަރަކަށް ހުންނެވި އިރު އޭނާގެ ގާތް ރަޙްމަތްތެރިއަކަށް ކޮންޓްރެކްޓެއް ދިނުމުގައި މަޤާމުގެ ބާރާއި ނުފޫޒު ބޭނުންކުރައްވާފައިވާ މައްސަލަ އެވެ.
މިކުށްސާބިތުވުމުން އޮލަމާޓްގެ މައްޗަށް ޙުކުމްކުރީ އެއް އަހަރު ދުވަހަށް ޖަލަށް ލުމަށާއި 20 ހާސް އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމަށް ކަމަށް ވިޔަސް ބޮޑުވަޒީރު ކަމުން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނަށް ޤާނޫނީ ގޮތުން ލިބިވަޑައިގަންނަވާ ހުރިހާ އިމްތިޔާޒްތަކަކުން އޮލްމާޓް އަމިއްލަފުޅަށް ތަނާޒުލް ވެވަޑައިގަތުމުން ކޯޓުން ނިންމީ ޖަލަށްލުމުގެ ޙުކުމް އޭނާގެ މައްޗަށް ތަންފީޒު ނުކުރާގޮތަށެވެ. ބޮޑުވަޒީރުކަމުން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނަށް ޤާނޫނީ ގޮތުން ލިބިވަޑައިގަންނަވާ އިމްތިޔާޒްތަކުގެ ތެރޭގައި ފައިސާގެ ޢިނާޔަތްތަކާއި ސަލާމަތާއި ރައްކާތެރިކަން ހިމެނެ އެވެ.

ހުކުމް ކުރިނަމަވެސް އޮލްމާޓް ޖަލަށް ނުލާގޮތަށް ކޯޓުން ނިންމީ އޮލްމާޓް އޭނާގެ އިމްތިޔާޒްތަކުން ތަނާޒުލްވެވަޑައިގަތުމުން އޭނާގެ ޝަރަފަށް އިތުރު އުނިކަމެއް ގެންނަށް ކޯޓުގެ ފަނޑިޔާރުންނަށް ފެންނާތީ ކަމަށް ޚަބަރު ލިބެ އެވެ. އިސްރާއީލުގެ ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ޖަލަށްލުމުގެ ބަދަލުގައި 6 މަސްދުވަހަށް ހިލޭ ސާބަހަށް ޤައުމަށް ޚިދްމަތް ކުރުމުގެ ޙުކުމެއް އޮލްމާޓްގެ މައްޗަށް ކުރުމަށް ކޯޓުގައި އެދިފަ އެވެ. ނަމަވެސް ކޯޓުން ވަނީ އެކަން ޤަބޫލުނުކޮށްފަ އެވެ. ޖަލުގެ ޙުކުމް ތަންފީޒުނުކުރިނަމަވެސް 20 ހާސް ޑޮލަރުގެ ޖޫރިމަނާ އޮލްމާޓް ދައްކަވަންޖެހޭނެ އެވެ.

އިސްރާއީލުގެ ކަދީމާޕާޓީގެ ފަރާތުން އޮލްމާޓް ބޮޑުވަޒީރު ކަން ކުރެއްވީ 2006 ން 2008 އަށެވެ. 2008 ގައި އޭނާ އިސްތިއުފާދެއްވީ އިދިކޮޅު ފަރާތްތަކުގެ ފިއްތުންތަކާ ގުޅިގެންނެވެ. އޮލްމާޓް އަބަދު ވެސް ވިދާޅުވަމުން ގެންދަވަނީ އޭނާ ކުށެއް ނުކުރައްވާ ކަމަށާއި ކޮރަޕްޝަނާއި ފަސާދައިގެ ޢަމަލެއް ވެސް ނުހިންގާ ކަމުގަ އެވެ. (އަލްޖަޒީރާ)