25 Sep 2012, 00:26
ރާއްޖޭގެ ގާނޫނުތަކާއި ހިލާފު އެތައް އަމަލެއް ކުރުމަށް ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ރާއްޖެއަށް އެންގި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ނިއުޔޯކުގައި ކުރިއަށްދާ "ގާނޫނީ ހުކުމުތަކަށް ތަބާވުމާ" ގުޅޭ އދ ގެ މަތީފެންވަރުގައި ޖަލްސާގައި މިއަދު ތަގުރީރު ކުރައްވަމުން ރައީސް ވަހީދު ވިދާޅުވީ ގާނޫނުތަކާއި ހިލާފުއެތައް އަމަލެއް ކުރުމަށް ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ވަރަށް ފާޅުގައި ރާއްޖެއަށް ގޮވާލި ކަމަށެވެ. އެގޮތުން ރައީސްގެ ފާހަގަކުރެއްވީ އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލުމާއި ސިފައިން އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ މިނިވަން މުއައްސަސާތަކުން ބަލަނިކޮށް އެކަން ހުއްޓާލުމަށް ރާއްޖެއަށް ގޮވާލާފައިވާ މައްސަލަ އެވެ.
ދުނިޔޭގެ ބޮޑެތި ގައުމުތަކުން ރާއްޖެއަށް ކުރިމަތިވާ ނުފޫޒުތަކަށް އަލިއަޅުވާލައްވައި ރައީސްގެ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވީ ގާނޫނާއި ހިލާފު އެ ގޮވާލުންތަކަށް ރާއްޖެ ސުވާލުއުފެއްދުމުން ރާއްޖެއަކީ ޑިމޮކްރަސީއާ ދެކޮޅަށް މަސައްކަތް ކުރާ ގައުމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ލޭބަލްކޮށް ރާއްޖެ ދުނިޔޭގެ ވޮޗް ލިސްޓަށް އަރުވާފައިވާ ކަމަށެވެ.
"މިކަންކަމަށް [ގާނޫނާއި ހިލާފު އެންގުންތަކަށް] އަޅުގަނޑުމެން އަމަލުނުކުރުމުން އެއްވެސް އުސޫލެއްނެތި ރާއްޖެ ވަނީ ދުނިޔޭގެ ވޮޗް ލިސްޓުގައި ހިމަނާފައި، ބައިނަލްއަގްވާމީ ބާރުގަދަ ފަރާތްތަކާ އެކު އަޅުގަނޑުމެން މިދިޔަ މަދު ދުވަސްކޮޅު ތެރޭގައި ތަޖުރިބާކުރި ކަންތައްތަކުން ހިތްހަމަޖެހުމެއް ނުލިބޭ. މިއަދު އަޅުގަނޑުމެންނާ ދޭތެރޭ ކަންތައް ކުރާ ނާއިންސާފުވެރި ކަންކަމާ ދެކޮޅަށް ނުތެދުވެ އަދި ތިޔަ ބޭފުޅުންގެ ސަމާލުކަމަށް މި މައްސަލަ ނުގެނެސްފި ނަމަ މާދަމާ ތިޔަ ބޭފުޅުންނަށް ވެސް ހަމަ އެފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ރާއްޖެއަކީ ދެކުނު އޭޝިޔާގެ އެންމެ ނާޒުކު އިގްތިސޯދު ކަމަށާއި ދުނިޔޭގެ ބާރުގަދަ ފަރާތްތަކުން ރާއްޖެއާ މެދު މިވީ ދުވަސްތަކުގައި އަމަލުކުރިގޮތުން ގައުމުގެ އިގްތިސޯދަށް އަސަރުކޮށް އިގްތިސޯދުގެ މައިގަނޑު އަސާސްތަކަށް ނޭދެވޭ އަސަރުތައް ކޮށްފައިވާ ކަމަށާއި އެ އަސަރުތައް އަދިވެސް އަންނަނީ ކުރަމުން ކަމަށެވެ. އެގޮތުން ޓޫރިސްޓުން ރާއްޖެ އަންނަ އަދަދަށާއި ފޮރިން އިންވެސްޓްމަންޓްތަކަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށާއި އެ އަސަރު އަދިވެސް ދަނީ ކުރަމުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"ބައިނަލްއަގްވާމީ ފަރާތްތަކުން ރާއްޖެ ވަކި ގޮތަކަށް ލޭބަލްކުރުމުގެ ނަތީޖާ އަކީ އިންވެސްޓްމަންޓުތައް ގެއްލިގެން ދިއުން، އިގުތިސޯދަށް އަސަރުކުރަމުން ދިޔުން،" ރައީސް ވިދާޅުވި އެވެ.
ބައިނަލްއަގްވާމީ މުޖުތަމައަކީ ގާނޫނުގެ ވެރިކަމަށް ފާރަވެރިވެ އެގޮތަށް އަމަލުކުރާކަން ކަށަވަރު ކުރާ ބައެއް ކަމަށް ވާއިރު ދުނިޔޭގެ ބާރުގަދަ ގައުމުތައްވެސް އެގޮތަށް އަމަލުކުރަން ޖެހޭކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖެ ފަދަ ކުދި ގައުމުތަކާއި މެދުވެސް އަމަލުކުރަންވާނީ ހަމައުސޫލެއްގެ މަތިން ކަމަށާއި ރާއްޖެ ފަދަ ކުދި ގައުމުތަކަށްވެސް ގާނޫނުގެ ރައްކާތެރިކަން ރައްކާތެރިކަން ލިބެންޖެހޭނެ ކަމަށެވެ.
" ކުދި ގައުމުތަކުން ފިލާވަޅު ލިބިގަންނަން ޖެހޭ ވާހަކަތަކެއް. ގާނޫނުގެ ހުކުމަށް ތަބާވުމުގެ އުސޫލަކީ ކުދިކުދި ގައުމުތަކަށް ކުޑަކުޑަކޮށް އިންސާފު ދިނުމުން، އެ ކުދި އަދި ބަލިކަށި ގައުމުތައް ރައްކާތެރިކުރުން."