24 Sep 2012, 21:25
ސާކް ގައުމުތަކަށް ދަތުރުކުރާއިރު ވިޒާ ނަގަން ނުޖެހޭ ގޮތަށް ސްޓިކާއެއް ޖަހައި ދިނުމުގެ ސުކީމް ނުވަތަ ސާކް ގައުމުތަކުގެ ވިޒާ އެގްޒެމްޕްޝަން ސްކީމާ ބެހޭ ގޮތުން ސަރަހައްދުގެ އިމިގްރޭޝަން ކޮންރޯލަރުން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް އޮތީ މިއަދު ބަނޑޮސް އައިލެންޑް ރިޒޯޓް އެންޑް ސްޕާގައި ބޭއްވި ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) އިމިގްރޭޝަން ކޮންޓްރޯލަރުންގެ ބައްދަލުވުމުގަ އެވެ.
ބައްދަލުވުމަށް ފަހު ރާއްޖޭގެ ކޮންޓްރޯލާ އޮފް އިމިގްރޭޝަން ޑރ. މުހައްމަދު އަލީ ވިދާޅުވީ ބައްދަލުވުމުގައި މަޝްވަރާކުރީ ސާކް ގައުމުތަކުގެ ވިޒާ އެގްޒެމްޕްޝަން ސުކީމް ނުވަތަ ސާކްގެ ގައުމުތަކަށް ދަތުރުކުރާއިރު ވިޒާ ނަގަން ނުޖެހޭ ގޮތަށް ސްޓިކާއެއް ޖަހައި ދިނުމުގެ ސްކީމާ މެދުގައި ކަމަށެވެ. ވިޒާ އެގްޒެމްޕްޝަން ސްކީމްގެ ކަންތައްތައް މިހާރަށް ވުރެ ބޮޑަށް ފަސޭހަ ކުރުމުގެ ގޮތުން އެ ސުކީމްގައި އިތުރު ކެޓަގަރީތައް ހިމެނުމާ މެދު ބައްދަލުވުމުގައި މަޝްވަރާ ކުރި ކަަމަށް ވެސް ވިދާޅުވި އެވެ.
ސާކްގެ ގައުމުތަކުގެ މެދުގައި އިމިގްރޭޝަން ދާއިރާ އިން އެއްބާރުލުމުގެ ގޮތުން ނެޓްވޯކެއް ގާއިމް ކުރުމަށް ރާއްޖެ އިން ހުށައެޅި ކަމަށާއި އެ ނެޓްވޯކް ގާއިމް ކުރުމާ ބެހޭ ގޮތުން ރާއްޖެ އިން ހުށައެޅި ކަރުދާހަށް ބައްދަލުވުމުގައި ބޮޑު ތަރުހީބެއް ލިބުނު ކަމަށް ކޮންޓްރޯލާ ވިދާޅުވި އެވެ.
"މީގެ އެންމެ ބޮޑު މަގުސަދަކީ އަށް ގައުމުގެ މެދުގައި ބަދަލު ކުރަން ޖެހޭ މައުލޫމާތު ބަދަލު ކުރުމާ އެއްބާރުލުމާއި އިމިގްރޭޝަންގެ ދާއިރާގައި ހުރި މައްސަލަތަކާ ކަންތައްތަކާ މިކަމާ ބެހޭ ގޮތުން ވާހަކަ ދެކެވި ތަންކޮޅެއް ހަރުދަނާ ގޮތެއްގައި ދުވަހުން ދުވަހަށް ނަމަވެސް މައުލޫމާތު ބަދަލު ކުރަން ޖެހޭ ކަންތައްތަކުގައި މައުލޫމާތު ބަދަލުކުރުން،" މުހައްމަދު އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ ނެޓްވޯކެއް ގާއިމް ކުރުމަށް ޓަކައި ކަމާ ބެހޭ މާހިރުންނާ އެކު ރާއްޖޭގައި ކުރިއަށް އޮތް ދެމަސް ތެރޭގައި ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. މި ސަރަހައްދަކީ ބޮޑު އާބާދީއެއް އޮތް ސަރަހައްދަކަށްވާ އިރު ގަވައިދުންނާއި ނުގަވައިދުން ވެސް ގިނަ ބަޔަކު ބޯޑަރު ހުރަސްކުރަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސާކް ހޯމް އަދި އިންޓީރިއާ މިނިސްޓަރުންގެ ބައްދަލުވުމުގެ ކުރިން ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރޭގައި ހިމެނެނީ އިމިގްރޭޝަން ކޮންޓްރޯލަރުންގެ ބައްދަލުުމާއި ސާ ގައުމުތަކުގެ ފުލުހުންގެ ވެރިންގެ ބައްދަލުވުމާއި ހޯމް އިންޓީރިއާ ސެކްރެޓަރީންގެ ބައްދަލުވުމާއި ޓެރަރިޒަމް މޮނިޓަރިން ޑެސްކާއި ޑްރަގް އޮފެންސަސް މޮނިޓަރިން ޑެކްސްގެ ބައްދަލުވުމެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ފަހަރުގެ ބައްދަލުވުންތަކުގެ ތެރޭގައި ޕޮޮލިސް ޗީފުންގެ ބައްދަލުވުން ނޯންނާނެ ކަމަށާއި އެ ބައްދަލުވުން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިން ބާއްވާފައިވާ ކަމަށެވެ. ސާކް ހޯމް އިންޓީރިއާ މިނިސްޓަރުންގެ ބައްދަލުވުން އޮންނާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.