ށ. ފުނަދޫގައި ވިލާ ކޮލެޖުގެ ކެންޕަހެއް ތަރައްގީ ކުރަން އެ ކޮލެޖާއި ފުނަދޫ ކުއުންސިލާ ދެމެދު އެމްއޯޔޫ އެއްގައި މިއަދު ސޮއި ކޮށްފިއެވެ.

ވިލާ ކޮލެޖުގައި ބޭއްވި ރަސްމީޔާތެއްގައި ވިލާ ކޮލެޖުގެ ފަރާތާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ ރެކްޓާރ ޑރ އަހުމަދު އަންވަރު އެވެ. ފުނަދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދެވެ.

ރަސްމިއްޔާތުގައި އަންވަރު ވިދާޅުވީ ފުނަދޫގައި ގާއިމުކުރާ ކެންޕަހުގެ ސަބަބުން އެ ރަށާއި އަތޮޅަށް ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މިއީ އަތޮޅުތަކުގައި މަތީ ތަޢުލީމަށް އާދޮރެއް ހުޅިވިގެންދިއުން ކަމަށް ވެސް ވިދާޅުވި އެވެ.
ފުނަދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މިއީ ފުނަދުއަށް ޙާއްސަ ދުވަހެއް ކަމަށާއި އެރަށުގައި ގާއިމުކުރާ ވިލާ ކެންޕަހުގެ ސަބަބުން ރަށަށުގެ ތަރައްގީ އާއި ތައުލީމަށް އަލިކަން އަންނާނެ ކަމަށެވެ.

ވިލާ ކޮލެޖުން ބުނީ ވިލާ ކޮލެޖާއި ކެމްޕަސް އަޅަނީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ކަމަށައި މިއަދުވި އެއްބަސް ވުމުގެ ދަށުން ފުނަދޫ ރިސޯސް ސެންޓަރު ހުރި ބިމާއި އެތާގެ އިމާރާތްތައް ބޭނުން ކޮށްގެން ކެންޕަހެއް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީގައި ކިޔަވައިދޭން އުންމީދު ކުރާ ކަމަށެވެ.