24 Sep 2012, 19:42
ރާއްޖެ މެދުވެރިކޮށް ވަގަށް ޔޫރަޕަށް އެތެރެވާން އެފްރިކާގެ ގައުމުތަކުން މީހުން އަންނަކަމަށާއި އެފްރިކާގެ ގައުމުތަކުގެ މީހުން ރާއްޖެއަށް އެތެރެވާން މަސައްކަތްކުރާކަން ފާހަގަކުރެވިފައިވާކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.
ބަނޑޮހުގައި މިއަދު އޮތް ދެކުނު އޭޝިއާގެ އިމިގްރޭޝަން ކޮންޓްރޯލަރުންގެ ބައްދަލުވުމަށް ފަހު ބޭއްވި ޕްރެސް ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮންޓްރޯލާ ޑރ. މުހައްމަދު އަލީ ވިދާޅުވީ ގަވާއިދާއި ހިލާފަށް ޔޫރަޕަށް އެތެރެވުމަށް އެފްރިކާގެ ގައުމުތަކުން މީހުން ރާއްޖެއަންނަ ކަމަށާއި ރާއްޖެއަށް އެތެރެވުމަށް ވެސް އެފްރިކާގެ ގައުމުތަކުގެ މީހުން މަސައްކަތްކުރާ ކަމަށެވެ. އެއީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށްވެސް ކޮންޓްރޯލާ ވިދާޅުވި އެވެ.
"އަލްގައިދާގެ އެއްްވެސް މައުލޫމާތެއް އަޅުގަނޑުމެންނަކަށް ލިބިފައެއް ނެތް، އެކަމަކު އެހެން ފާޑުފާޑުގެ މައުލޫމާތު އަޅުގަނޑުމެންނަށް ލިބޭ، މިހާރު އެފްރިކާއިން ރާއްޖެ މެދުވެރިކޮށް ޔޫރަޕަށްދާން ވެސް މީހުން އަންނަކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ، އަދި ހަމަ އެއާ އެކީގައި ރާއްްޖެއަށް އެތެރެވާން އެފްރިކާގެ ގައުމުތަކުން ދިމާކުރާކަން ވެސް އަޅުގަނޑުމެންނަށް އިނގޭ،" އަލްގައިދާގެ އެއްވެސް ހަރަކާތެއް ރާއްޖޭގައި ހިނގާކަމުގެ މައުލޫމާތެއް ލިބިފައިވޭތޯ ދެންނެވުމުން ކޮންޓްރޯލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފްރިކާގެ ގައުމުތަކުން ރާއްޖެއަށް މީހުން އެތެރެވުމަކީވެސް ކަންބޮޑޫވާން ޖެހޭ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެފްރިކާގެ ގައުމުތަކުގެ ތެރެއިން ނައިޖީރިއާ ފަދަ ގައުމުތުން މީހުން އެތެރެވުމަކީ މައްސަލަތައް ކުރިމަތިވާނެ ކަމެއް ކަމަށެވެ.
"މިއީ އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ކަމެއް، ދެން އެއާ އެކީގައި މިސާލަކަށް ނައިޖީރިއާ ފަދަ ގައުމުތަކުން ރާއްޖެއަށް އެތެރެވާން ފެށީމައި ތިޔަބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ދިމާވާނެ މައްސަލަތައް، އެއީ ނައިޖީރިއާ މީހުންގެ މާބޮޑު ރެޕިއުޓޭޝަނެއް ނުހުންނާނެ ބައެއް ކަހަލަ ކަންތައްތަކުގައި،" މުހައްމަދު އަލީ ވިދާޅުވި އެވެ.
އަދި ވިދާޅުވީ ޔޫރަޕަށް ވަގަށް މީހުން އުފުލުމުގެ މައްސަލައަކީ އެންމެބޮޑަށް ފާހަގަކުރެވޭ މައްސަލަ ކަމަށާއި އެމައްސަލަ ވަރަށް ގިނައިން ފާހަގަވެފައިވާ ކަމަށެވެ.
"...އެންމެ ބޮޑަށް މިފާހަގަ ކުރެވެނީ ޔޫރަޕަށް ވަގަށް މީހުން އުފުލުމުގެ މައްސަލަ، މިކަހަލަ ކަންތައްތައް މިހާރު ހަމަ ވަރަށް ފަސޭހައިން ދިމާވަމުން ދަނީ،" މުހައްމަދު އަލީ ވިދާޅުވިއެވެ.
އަދި ވިދާޅުވީ އިންޓަޕޯލުން ހޯދަން ބޭނުންވާ މީހުން ރާއްޖޭގެ ބޯޑަރުން އިޓަސެޕްޓްކޮށްފައި އެބަހުރި ކަމަށާއި އޭގެ ބައެއް މީހުން ރާއްޖެއަށް އެތެރެވާފަހުން ވެސް ހޯދިފައި އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ ޓެރަރިޒަމް އެކަންޏެއް ނޫން ކަމަށާއި ހުރިހާ ވައްތަރެއްގެ ވެސް ކުށްވެރިންގެ މައްސަލަ ކުރިމަތިވާ ކަމަށެވެ.
" އަދި ހަމަ އެއާއެކީގައި މަނީ ލޯންޑްރިން، ނާޖާއިޒު ގޮތުގައި ދިވެހިރާއްޖެ މެދުވެރިކޮށް ފައިސާ ސާފުކުރުމުގެ ކަންތައްތައް ވެސް އެބަ ހިންގާ، އެހެންވީމާ ހުރިހާ ކަމެއް އެއްކޮށް ހުރިހާ ލެވެލެއްގައި އޯގަނައިޒް ކްރައިމް އަޅުގަނޑުމެންނަށް އެބަ އާދޭ ހުރިހާ ދިމަ ދިމާއަކުން، ޓެރަރިޒަމް އެކަންޏެއްނޫން،" ކޮންޓްރޯލާ މުހައްމަދު އަލީ ވިދާޅުވި އެވެ.