ހާލުގައި ޖެހިފައިވާ ޕާކިސްތާނު ރައްޔިތުންނަށް އެހީވުމަށް ކުރިއަށްގެންދާ ކެންޕޭންގެ ދަށުން އީދު ދުވަހުގެ ރޭ ބާއްވާ ހާއްސަ ފުޅުބޯޅަ މެޗުތަކުގެ ޕްރެކްޓިސް ފަށައިފި އެވެ.


"މޯލްޑިވްސް ހެލްޕް ޕާކިސްތާން" ގެ ކެމްޕޭނުގެ ދަށުން އީދު ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ކުޅޭ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ވާދަކުރާނީ ސެލެބްރެޓީސް އާއި ރައްޔިތުންގެ މަޖުލިސްގެ މެމްބަރުންގެ ޓީމެކެވެ. ސެލެބްރެޓީސް ޓީމުގައި ހިމެނެނީ މީޑިއާގައި މަސައްކަތްކުރާ މަޝްހޫރު ނޫސްވެރިންނާއި ޕްރެޒެންޓަރުންނާއި ފިލްމީ ތަރިންނާއި ލަވަކިއުންތެރިންނެވެ. ދެ ވަނަ މެޗުގައި ވާދަކުރާނީ ސެލެބްރެޓީސް އަންހެން ޓީމަކާއި ޕޮލިހާއި އެމްއެންޑީއެފްގެ އަންހެން ޓީމެކެވެ.


ސެލެބްރެޓީސް ފިރިހެން ޓީމުގައި ހިމެނޭ ސަންއެފްއެމްގެ ކުޅުންތެރިންނަކީ ސީއީއޯ ސިނާން އަލީ އާއި ސީއޯއޯ މުހައްމަދު ޝަހީބާއި ސަންއެފްއެމް އޮންލައިންގެ ޗީފް އެޑިޓަރު ހިރިގާ އަހުމަދު ޒާހިރާއި ސަން މެގަޒިންގެ ޑެޕިއުޓީ އެޑިޓަރު އާދަމް ހަލީމެވެ.


މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ހެންވޭރު ދަނޑުގައި މިރޭ ފެށި ޕްރެކްޓިސްގައި ސެލެބްރެޓީސް އަންހެން އަދި ފިރިހެން ޓީމުގެ އިތުރުން މަޖިލިސް މެމްބަރުންގެ ޓީމު ވަނީ ބައިވެރިވެފަ އެވެ. ފުލުހުންނާއި އެމްއެންޑީއެފްގެ އަންހެން ޓީމު ޕްރެކްޓިސް ގެންދަނީ ވަކިންނެވެ.